ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ ހަތަރު ބޭފުޅުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން ކެންޑިޑެސީ ފޯމް ހުށަހެޅުމަށް ހުޅުވާލި މުއްދަތު ހަމަވެގެންދިޔައިރު ކުރިމަތިލައްވާފައިވަނީ ހަތަރު ބޭފުޅުން ކަމަށާއި އެހެންކަމުން ދެން ކެންޑިޑެސީ ފޯމް އިތުރު ބޭފުޅަކު ހުށަހެޅި ނަމަވެސް ކޮމިޝަނުން ބަލައިނުގަންނާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކެންޑިޑެސީ ފޯމް ހުށަހެޅުމަށް ހުޅުވާލި މުއްދަތު މިއަދު 2 ޖެހިއިރު ވަނީ ހަމަވެފައެވެ.
އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ އަމިއްލަ ގޮތުން އިންތިހާބަށް ކުރިމަތިލައްވާފައިވާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމެވެ.
މިހުރިހާ ބޭފުޅުންނަކީވެސް އިންތިހާބުގައި ވާދަކުރެވޭނެ ކެންޑިޑޭޓުން ކަމަށް ކަނޑައަޅައި އިލެކްޝަންސް ކޮމިޝަނުން ވަނީ ހަތަރު ބޭފުޅުންގެ ކެންޑިޑެސީވެސް ސައްހަކަމަށް މީގެކުރިން ނިންމާފައެވެ.
މީގެއިތުރުން ރައީސް ވަހީދުގެ ރަނިންމޭޓަކީ ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އެވެ. ރައީސް ނަޝީދުގެ ރަނިންމޭޓަކީ ކުރީގެ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރ ޑރ.މުސްތަފާ ލުތުފީ އެވެ. ޔާމީންގެ ރަނިންމޭޓަކީ ކުރީގެ ހޯމް މިނިސްޓަރު ޑރ.މުހައްމަދު ޖަމީލް އަހުމަދެވެ. ގާސިމްގެ ރަނިންމޭޓަކީ ގައުމީ ޕާޓީގެ ލީޑަރު ޑރ.ހަސަން ސައީދެވެ.
އިލެކްޝަންސް ކޮމިޝަނުން އިތުރަށް ބުނީ މިބޭފުޅުންނާއި ގުޅޭ އެއްވެސް މައްސަލައެއް އުޅޭނަމަ ފަސް ދުވަހުގެ ތެރޭގައި އެމައްސަލައެއް ކޯޓަށް ހުށަހަޅަންޖެހޭނެ ކަމަށާއި އަދި ހަތް ދުވަހުގެ ތެރޭގައި ކޯޓުން ގޮތެއް ނިންމަންޖެހޭނެ ކަމަށެވެ. އަދި އެއްވެސް ކެންޑިޑޭޓެއްގެ މައްސަލަ ކޯޓަށް ހުށަނާޅައިފިނަމަ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 35 އަހަރުވުމާއި ސާބިތު ދަރަންޏެއް އޮތް މީހެއް ކަމުގައި ނުވުމާއި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުވެ ނިމުނުތާ ނުވަތަ މައާފް ލިބުނުތާ ތިން އަހަރުވުން ހިމެނެ އެވެ.
އަދި އިސްލާމް ދީނުގެ ހައްދު ކަނޑައަޅާފައިވާ ކުށެއްކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ވެސް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ 4 ބޭފުޅުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ