ލިޔުނީ: މުހައްމަދު ޔާމީން
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ކޯލިޝަން ހެދުމުގެ ސަބަބުން ދިވެހި ރާއްޖެއަށް ފައިދާވާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި ޕީޕީއެމް ޖަގަހައެއް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެމްޑީއޭ އާއި ޕީޕީއެމް ގުޅުމުން ޓީމު ވަރަށް ބޮޑަށް ބޮޑުވެގެން ގޮސްފައިވާ ކަމަށް ރިޔާސީ އިންތިހާބަށް ކުރަމުންދާ މަސައްކަތަށް އިތުރު ހަރުދަނާ ކަމެއް އަންނާނެ ކަމަށް ދެކޭ ކަމަށެވެ.
"މުޅި ރާއްޖޭގައި އަޅުގަނޑުމެން ދެޕާޓީން ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ފުރަތަމަ ބުރުން އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކާމިޔާބުކުރައްވާނެ." ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ދެޕާޓީ ގުޅިގެން މަސައްކަތްކުރުމުން ރައްޔިތުންނަށް ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުން ލިބޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.
"މި އެއްބަސްވުމަކީ އަޅުގަނޑުމެން ދެޕާޓިއަށް ވެސް ވަރަށް ރަނގަޅު މަސްލަހަތު ހުރި އެއްބަސްވުމެއް، އަދި ދިވެހި ރާއްޖެއަށް ފައިދާ ލިބިގެންދާނެ އެއްބަސްވުމެއް." މައުމޫން ވިދާޅުވި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް އާއި ތާއީދުކުރުމަށް އެމްޑީއޭއިން ނިންމާފައިވަނީ ދެޕާޓީގެ ދެމެދުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަޝްވަރާތަކެއް ކުރުމަށްފަހު އެވެ.
ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީއޭގެ ލީޑަރު އަދި މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް (ސަންޓްރެވަލް ޝިޔާމް) ވިދާޅުވީ ޕީޕީއެމް ހިޔާރު ކުރަން ޖެހުނީ ރާއްޖޭގެ ފަންސާސް ހާސް މީހުން ބޭނުންކޮށްގެން ކުރި ސާވޭއެއްގެ އެއްވަނަ އަށް ޕީޕީއެމް އައުމުންނާއި އޭގެ ފަހުން ޕާޓީގެ މެމްބަރުން އަތޮޅުތަކަށް ފޮނުވައިގެން ކުރި ސާވޭ ތަކުން ވެސް ކުރިހޯދީ ޕީޕީއެމް ކަމަށްވާތީ ކަމަށެވެ.
އަދި އެމްޑީއޭގެ ކައުންސިލަށް ހުށަހެޅުމުން ފާސްވީ ވެސް ޕީޕީއެމް އާއި ކޯލިޝަން ހެދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ އާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ހުޅުމާލޭގެ މަޝްރޫއަކީ އެމަނިކުފާނު ވެރިކަމުގައި ހުރެގެން ހިންގި އެންމެ ބޮޑު އަދި އެންމެ ބިޔަ މަޝްރޫއު ކަމަށާއި މި މަޝްރޫއު ހިންގުމަށް ވަރަށް ބޮޑެތި ހަރަދުތަކެއް ކުރެވިފައިވާއިރު ބައެއް ބޭފުޅުންގެ އެހީތެރިކަމާއިއެކުގައި ކަމަށެވެ.
އަދި މި މަޝްރޫއު ފެށިފައިވަނީ 1997 ވަނަ އަހަރުކަން ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ މީގެ ސޯޅަ އަހަރު ކުރިން ހުޅުމާލެ އޮތީ މޫދެއް ހެން ކަމަށާއި މިހާރު ހުޅުމާލެއަކީ ވަރަށް ރީތި ވަރަށް ހިތްގައިމު ރަށަކަށްވެފައިވާ ކަމަށެވެ. އަދި ރައްޔިތުންނަށް އެތައް ހިދުމަތްތަކަކާއި ވަސީލަތްތައް މިހާރު ހުރިކަން ރައީސް މައުމޫން ފާހަގަކުރެއްވި އެވެ.
އެމްޑީއޭ އާއިއެކު ހެދި އެއްބަސްވުމުގެ ސަބަބުން ފައިދާވާނެ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ