މިނިވަން 50 ފާހަގަކުރަން އައްޑޫ ރައްޔިތުން ބޭނުންވޭތަ؟

ފޮޓޯ : މިނިވަންކަމުގެ އެގްރިމެންޓްގައި ސޮއިކުރެއްވުމަށް ފަހު ބޮޑުވަޒީރު އިބްރާހިމް ނާސިރު އާއި އަބްދުއްސައްތާރު މޫސާދީދީ، އިނގިރޭސި ހައި ކޮމިޝަންގެ އިސް ބޭފުޅުންނާ އެކު
ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަމެއް ލިބުނުތާ ބައިގަރުނަ މިއަދު މި ފުރުނީއެވެ. 50 އަހަރެވެ. މިކަމަށް ގިނަ އަހަރުތަކެއްވީއިރު އައްޑޫގެ ރައްޔިޔުންނަކީ ތަފާތު ތަޖުރިބާތަކެއް ކޮށްފައިވާ ބައެކެވެ.
ރާއްޖެ އިނިގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިޔައީ 1887 ވަނަ އަހަރުއެވެ. އޭގެ އަހަރުތަކެއް ފަހުން އިނގިރޭސިން ގާއިމުވީ އައްޑު އަތޮޅު ގަމުގައެވެ. އެންމެ ފުރަތަމަވެސް ގަމުން މީހުން ބޭލީއެވެ. ފޭދޫއަށެވެ. އެމީހުންނަށް އިނގިރޭސިން ވަގުތީ ގެދޮރު އަޅައިދިނެވެ. މިނިވަންކަމަކީ އައްޑޫގެ ރައްޔިތުންވެސް ލޯބިކުރާ ކަމެކެވެ. އެކަމަށް އުފާވާ ކަމެކެވެ. އިނގިރޭސިންގެ "އަޅުވެތިކަމުގައި" އުޅެންޖެހުނު ބަޔަކީ އައްޑޫގެ ރައްޔިތުންނެވެ.
ރާއްޖޭގެ ގިނަ ރައްޔިތުންތަކަކަށް އިނގިރޭސިން ގޯސްވި ނަމަވެސް އައްޑޫގެ ރައްޔިތުންނަށް އެވެރިން ގޯހެއް ނޫނެވެ. މިކަން އެނގުނީ އައްޑޫގެ ދުވަސްވީ ބޭފުޅުންނާ ވާހަކަ ދައްކާލުމުންނެވެ. އެމީހުންގެ ޝުއޫރުތައް ހިއްސާކޮށްލުމުންނެވެ.
ދުވަސްވީ މީހުން ކިޔައިދިން ގޮތުގައި އިނގިރޭސިން އެމީހުންގެ އަތޮޅަށް އެރުމުގެ ކުރީގައި އެމީހުން އުޅެމުން ދިޔައީ ވަރަށް ދަތީގައެވެ. ކާނެބޯނެ އެއްޗެއް ނުލިބެއެވެ. އާމްދަނީ ހޯދާނެ ގޮތެއް ނެތެވެ. އޭރު މަސްވެރި އަތޮޅެއް ނޫނެވެ. ކައިބޮއެ އުޅުނީ ފަލަމަޑީގެ ބާވަތްތަކެވެ. ގެދޮރުހުރީ ވަރަށްވެސް ނިކަމެތި ހާލުގައެވެ. ވާރޭ ވެހެން ފަށައިފިނަމަ ހިޔަލެއް ނުވެއެވެ.
މިއީ އައްޑޫގެ ރައްޔިތުންގެ ހާލެވެ. ނަމަވެސް އައްޑޫއަށް އިނގިރޭސިން އެރުމަށްފަހު އެވެރިންގެ ދިރިއުޅުން ބަދަލުވެގެންދިޔައެވެ. ދިރިއުޅުން ތިޔާގިވިއެވެ. ވަގުތީ ނަމަވެސް ގެދޮރު އިނގިރޭސިން އަޅައިދިނެވެ. ވަޒީފާއެއް ނެތް އާމްދަނީ ނުލިބޭ މީހަކު ނެތެވެ. އޭރާ ބަލާފައި ރަނގަޅު އާމްދަނީއެއް ލިބެއެވެ. އެމީހުންގެ ތަންތަނުގައި މަސައްކަތް ކުރި ނަމަވެސް އިނގިރޭސިންގެ އަޅުވެތިކަމެއް އައްޑޫ ރައްޔިތުންނަށް އިހުސާސްއެއް ނުކުރެވެއެވެ. ނަމާދު ވަގުތު ޖެހުމުން ނަމާދަށް ފޮނުވައެވެ. މިއީ ހަމަ އައްޑޫ ދުވަސްވީ ބޭފުޅުންގެ ވާހަކަތަކެވެ.
އިނިގިރޭސިންގެ ދުވަސްވަރު އެމީހުންނަށް ފެނުނީ ރާއްޖެ ނުދެކޭ ތަރައްގީ އައްޑޫއަށް ލިބޭ ތަނެވެ. ހެލިކަޕްޓަރުފަދަ ތަކެތި އައްޑޫއަށް ޖައްސަން ފެށިއެވެ. ބޮޑެތި ވަރުގަދަ ގެތައް ބިނާކުރަން ފެށިއެވެ. ކަރަންޓާއި ފެން ވައިރުކޮށް، މަގުތައް ފެންވަރު ރަނގަޅުކޮށް ހަދަން ފެށިއެވެ. މިކަންވެގެން ދިޔައީ އައްޑޫގެ ރައްޔިތުންނަށް ލިބުނު ބޮޑު އުފަލަކަށެވެ.
ތަފާތު މެޝިނަރީތައް ބަހައްޓައި ފެކްޓްރީތަކުން ގަން ފުރާލިއެވެ. ފިހާރަތައް ގާއިމުކުރިއެވެ. އުފާނުވާންވީ ސަބަބެއް ނެތެވެ.
އައްޑޫ ދުވަސްވީ މީހުން އަދިވެސް އެންމެ ރަނގަޅީ އިނގިރޭސީންގެ ދުވަސްވަރު ކަމަށް ބުނެއެވެ. އެންމެ އުފަލާ ތިޔާގިކަމާއެކު އުޅުނީ އެ ދުވަސްވަރު ކަމަށް ބުނެއެވެ.
ތެދެކެވެ. އިނގިރޭސީން އައްޑޫ ތަރައްގީކުރިއެވެ. "މަކަރުވެރި" ރޭވުމެއްގެ ދަށުން ކަމަށްވެސް ވެދާނެއެވެ. އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮވެ އައްޑޫގައި ވަކި ދައުލަތެއްވެސް ގާއިމުކުރެވުނެވެ.
ވަކި ދައުލަތަކީ އައްޑޫގެ ލޮބުވެތި ރައްޔިތުން އެއްގޮތަކަށްވެސް ގަބޫލުކުރާ ކަމެއް ނޫނެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ރާއްޖެއަކީ އެއް ވަތަނެކެވެ. ތަރައްގީކުރަންޖެހޭނީ އެއްގޮތަކަށެވެ. ވަކި ތަނަކަށް ވަކި ގޮތެއް ނޫނެވެ. އައްޑޫ ރައްޔިތުންގެ އިހްސާސް އަކީ މިއީއެވެ.
ބައެއްގެ ހިމާޔަތުގެ ދަށުގައި ތިބެ، ބަޔެއްގެ އަތްދަށަށް ގައުމު ދިޔުމަކީ އައްޑޫ ރައްޔިތުންވެސް އެދޭ ކަމެއް ނޫނެވެ. ނަމަވެސް އެމީހުންނަށް ލިބުން ތަރައްގީ "ފޭރިގަތީ" ކަމަށް އައްޑޫގެ ރައްޔިތުން ބުނަނީ ހިތާމައާއެކުގައެވެ. މިވަންކަމުގެ އުފާލިބިގަތުމަކީ ހުރިހާ ރައްޔިތުންވެސް އެދޭނެ ކަމެކެވެ. އައްޑޫގެ ރައްޔިތުން އިސްތިސްނާއެއް ނުވެއެވެ.
ރާއްޖެ މިނިވަންވިތާ ބައިގަރުނަވެފައިވާއިރު މިނިވަން 50 ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންދެއެވެ. ނަމަވެސް އައްޑޫގެ ގިނަ ރައްޔިތުން މި ހަރަކާތްތަކުގައި ބައިވެރިވާކަށް ބޭނުމެއް ނުވެއެވެ. މިނިވަންވީތީ އުފާ ނުވާތީއެއް ނޫނެވެ. އެމީހުންނަށް ސަރުކާރުތަކުން ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބުނެއެވެ.
އިނގިރޭސިން އައްޑޫއަށް ގެނެސްދިން ތަރައްގީ ހުއްޓުވާލައި، ފެކްޓްރީތަކާއި އިނގިރޭސިން އައްޑޫއަށް ގެނެސްފައިވާ ތަކެތި ސަރުކާރުތަކުން "ވަގަށް" ނަގާފައިވާ ކަމަށް އައްޑޫގެ ދުވަސްވީ މީހުން ތުހުމަތުކުރެއެވެ.
މިނިވަންކަން ލިބުމުން އައްޑޫގެ ރައްޔިތުންނަށްވެސް އުފާވެރިކަން ލިބުނެވެ. ނަމަވެސް އޭގެ ފަހުން އެމީހުންނާ ދޭތެރޭ ސަރުކާރުތަކުން ރަފާތުކުރުންތަކެއް ގެންގުޅޭކަން އެމީހުން ފާހަގަކުރެއެވެ. ސަރުކާރުތަކުން އައްޑޫއަށް ތަރައްގީ ގެނެސްދިނުމަށް އެއްވެސް ކަމެއް ނުކުރާ ކަމަށް ބުނެއެވެ. މިއީ ހަމައެކަނި ދުވަސްވީ ބޭފުޅުންގެ ޝަކުވާއެއް ނޫނެވެ. އައްޑޫ ތަރައްގީކުރުމަށް އެއްވެސް ކަމެއް ސަރުކާރުތަކުން ނުކުރާ ކަމަށް ޒުވާނުންވެސް ދަނީ ބުނަމުންނެވެ.
ޒަރޫރީ ހުރިހާ ބޭނުންތަކެއްވެސް އައްޑޫގައި މިހާރު ވަނީ ދަތިވެފައެވެ. އާމްދަނީ ލިބޭނެ ގޮތްތަކެއް ސިޓީގައި ނެތްއިރު ލިބޭ ކުޑަ އާމްދަނީ ކޮޅު ކަރަންޓު ބިލަށް ހޭދަކޮށްލާފައި މިނިވަން 50 އަށް ކުލަބޮކި ދިއްލަން ރައްޔިތުން ބޭނުމެއް ނުވެއެވެ. ނަޖިސް ފެނުން ފެންވަރައިގެން މިނިވަން 50 ފާހަގަކުރަން އައްޑޫ ރައްޔިތުން ތައްޔާރެއް ނޫނެވެ. ފެން ހެދި ޗަކަ ހެދިފައިވާ މަގުތަކުގައި މިނިވަން 50 ފާހަގަކުރާނެ ގޮތަކާމެދު ރައްޔިތުން ސުވާލު އުފައްދައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ