ރާއްޖެ ބައިވެރިވާ ސިއްހީ ދާއިރާގެ ބައްދަލުވުމެއް ލަންކާގައި ފެށިއްޖެ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ކޮމިޓީގެ 69 ވަނަ ބައްދަލުވުން ސްރީލަންކާގެ ކޮލަމްބޯގައި މިއަދު ފެށިއްޖެ އެވެ.
މިއަދުން ފެށިގެން މިމަހުގެ ނުވަވަނަަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ވަފުދުގައި އިސްކޮށް ހުންނެވީ ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް އެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ އިސްވެރިންގެ ވަފްދެއް ވެސް މިބައްދަލުވުމުގައި ބައިވެރިވެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއިއްޔާގެ ރީޖަނަލް ކޮމިޓީގެ ބައްދަލުވުމަކީ މިސަރަހައްދުގެ ސިއްހަތާ ބެހޭ ވަޒީރުންނާއި ސިއްހީ ދާއިރާގެ ފަންނީ އިސްބޭފުޅުން ހިމެނޭގޮތަށް ސަރަހައްދުގެ ރައްޔިތުންގެ ސިއްހަތާއި ގުޅުންހުރި މުހިއްމު ނިންމުންތައް ނިންމުމަށް އަހަރަކު އެއްފަހަރު ބާއްވާ ބައްދަލުވުމެކެވެ. މިއަހަރުގެ ބައްދަލުވުމުގައި މިސަރަހައްދުގެ 11 ގައުމަކުން ސިއްހަތާ ބެހޭ ވަޒީރުންނާއި ސިއްހަތާއި ބެހޭ ވުޒާރާގެ އިސް އޮފިޝަލުން ބައިވެރިވެ އެވެ.
މިއަހަރުގެ ރީޖަނަލް ކޮމިޓީ ބައްދަލުވުން އެންމެ ބޮޑަށް އަމާޒުކުރެވިފައިވަނީ ގައިންގަޔަށް ނާރާ ބަލިތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށާއި އެކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މައްޗަށެެވެ. މިގޮތުން ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް ސަރަހައްދީ ފެންވަރުގައި މަސައްކަތްކުރުމަށްޓަކައި "ކޮލަމްބޯ ޑެކްލަރޭޝަން އޮން ނޮންކޮމިއުނިކޭބަލް ޑިސީސަސް" ގެ ނަމުގައި ސަރަހައްދުގެ ސިއްހަތާ ބެހޭ ވަޒީރުން ގަރާރެއް ފާސްކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަަކައި ސިއްހީ ދާއިރާއިން ކުރަންޖެހޭ މަސައްކަތްތަކާއި ގުޅޭގޮތުންނާއި ދުނިޔޭގައި އާންމުވަމުންދާ ސިއްހީ މައްސަލަތަކާއި މިސަރަހައްދުގެ ސިއްހީ މައްސަލަތަކާއި ގުޅޭގޮތުން މިބައްދަލުވުމުގައި ގައުމުތަކުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ދޭދޭ ގައުމުތަކާއިއެކު ބައްދަލުވުންތައް ބޭއްވުމަށް ވެސް ވަނީ ރޭވިފަ އެވެ. މީގެ އިތުރުން ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާއިން މިސަރަހައްދަށް ކަނޑައަޅާފައިވާ ރީޖަނަލް ޑައިރެކްޓަރާ ވެސް ދިވެހި ވަފްދުން ބައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ