އައްޑޫ ސިޓީއާއި، ފުވައްމުލައް ސިޓީގައި މާދަމާއިން ފެށިގެން ހަވީރު 6 އިން ފަތިހު 4 އަށް ކާފިއު

ކޮވިޑް-19 އިން ރައްކާތެރިވުމަށް އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ޚާއްސަ ފިޔަވަޅުތަކެއް އަޅަން އެންގި އެންގުމަށް ބަދަލު ގެނެސްފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ އާންމު ކުރެއްވި އެންގުމުގައި، އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި އަޅަން ކުރިން އަންގަވާފައިވާ ޚާއްސަ ފިޔަވަޅުތަކަށް މާދަމާއިން ފެށިގެން 7 ދުވަހުގެ މުއްދަތަށް ބަދަލު ގެނައުމަށް ވަނީ އަންގަވާފައެވެ.
އެގޮތުން، 13 މެއި 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން، ކުރިއަށްއޮތް 7 ދުވަހު ހަވީރު 6:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުމެއުޅުން މަނާކުރުމާއި، ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށެވެ.
އަދި އައްޑޫ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމަށްވެސް އަންގަވާފައި ވެއެވެ.
އަދި ފުވައްމުލައް ސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓާލުމަށްވެސް އަންގަވާފައި ވެއެވެ.
މީގެއިތުރުން، އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި އެއްގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓާލުމަށާއި، އެއްފަހަރާ 3 މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓާލުމަށާއި، ސެލޫންތަކާއި، ޖިމްތަކާއި ބޯކޮށާ ތަންތަން ބަންދުކުރުމަށާއި، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލުމަށްވެސް އަންގަވާފައި ވެއެވެ.
މީގެއިތުރުން، ޓެކްސީގެ ޚިދުމަތްދޭ ފަރާތްތަކުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާންމު ކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމަށާއި، ފިހާރަތަކުން ޚިދުމަތް ދޭއިރު އެޗްޕީއޭއިން އާންމު ކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ޚިދުމަތް ދިނުމަށްވެސް އަންގަވާފައި ވެއެވެ.
އަދި ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޟިރުވެގެން ކްލާސްތައް ކުރިއަށް ގެންދިއުން ހުއްޓާލުމަށާއި، ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓާލުމަށްވެސް އަންގަވާފައި ވެއެވެ.
ޓޭކް އަވޭއާއި، ޑެލިވަރީގެ ޚިދުމަތް ދިނުމަށް ހުއްދަ ދީފައިވީ ނަމަވެސް ކާފިއުގެ ވަގުތުތަކުގައި ޓޭކްއަވޭގެ ޚިދުމަތް ނުދެވޭނެ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ