ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އާދަޔާ ހިލާފަށް މައްޗަށް ގޮސް، ހާލަތު ގޯސްވާތީ، އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ރާއްޖެ އަށް އަންނަ އެންމެން ވެސް 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅަން ޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އުސޫލަށް ރޭ ބަދަލު ގެނެސްފި އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި އެންގުމެއްގައި ބުނީ، އަންނަ މަހުގެ ތިނަކުން ފެށިގެން ވަކި ގޮތެއް އަންގަންދެން، ޓޫރިސްޓުންނާއި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން ހިމެނޭ ގޮތަށް ރާއްޖެ އަށް އަންނަ ހުރިހާ އެންމެން ވެސް 96 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެކަމަކު، އޭގެ ތެރޭގައި އުމުރުން އެއް އަހަރުން ދަށުގެ ކުދިން ނުހިމެނޭނެ ކަމަށް އެންގުމުގައި ވެ އެވެ.
އެ ފިޔަވަޅު ތަންފީޒު ކުރުމުގައި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުންނާއި ކަމާބެހޭ އެހެން މުވައްސަސާތަކަށް މައިމޫނާ ވަނީ އަންގަވައިފަ އެވެ.
މީގެ ކުރިން އޮންނަ ގޮތުން، ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން، ރާއްޖެ އަށް އައުމަށް ނެގެޓިވް ޕީސީއާރު ޓެސްޓެއް ގެންނާކަށް ނުޖެހެ އެވެ.
ކޮވިޑް-19 ގެ ހާލަތު ގޯސްވަމުންދާތީ ފިޔަވަޅު ވަރުގަދަކުރިިއިރު މި ފަހުން ވަނީ ކޮވިޑް ހަލުވިކަމާއެކު، ފެތުރެމުންދާތީ އިންޑިއާ އިން އަންނަ މީހުން، ޕީސީއާރު ނެގެޓިވް ނަތީޖާއެއް ހުށަހަޅަންޖެހޭ ގޮތަށް ބަދަލުކޮށްފަ އެވެ. އިންޑިއާ އަކީ ކޮވިޑްގެ ހާލަތު ދުނިޔޭގައި މިހާރު އެންމެ ގޯސް އެއް ގައުމެވެ.
ރާއްޖޭގައި ވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާރު ކޮންމެ ދުވަހަކު އުޅެނީ 300-400 ގަ އެވެ. އިއްޔެ ހަވީރު އިން މިއަދު ހަވީރު 6 އަށް އެކަނިވެސް 465 މީހަކަށް އަލަށް ވަނީ ކޮވިޑް ޖެހިފަ އެވެ.
ރާއްޖެއަށް ދެން އާދެވޭނީ 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ