އެ މަނިކުފާނަކީ ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ޖައްސަވާނެ ބޭފުޅެއް ނޫން ކަަމަށާއި ޖަލަށްލައި "ފޮރުވައިގެން" އުޅެނީ ޕީޕީއެން/ޕީއެންސީގެ ފިކުރު ދެކެ ބިރުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން، އެ މަނިކުފާނުގެ ދަރިކަލުން ޒެއިން މެދުވެރިކުރައްވައި ދެއްވި މެސެޖެއްގައި ވިދާޅުވީ، އެ އަދަބު ދީފައި ވަނީ އެ ބޭފުޅުންގެ ހިތްވަރު ބަލިކޮށްލެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން އަމާންދީފާނެ ކަމުގެ ފިނޑި ހިޔާލުގަ އެވެ. އެހެން ނަމަވެސް އަޅުގަނޑަކީ މިފަދަ ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާނެ މީހެއް ނޫނެވެ. އަޅުގަނޑުގެ އަމިއްލަ ހިތްހަމަޖެހުމާއި އުފަލަށް ވުރެ އަޅުގަނޑު އިސްކުރާނީ ދިވެހި ރައްޔިތުންގެ މަސްލަހަތެވެ. އަޅުގަނޑަށް މުހިންމީ ދިވެހި ރައްޔިތުންގެ މިނިވަންކަމެވެ. ދިވެހިންގެ އިސްތިގުލާލެވެ،" ޒެއިން ވިދާޅުވެދެއްވި، އޭނާގެ ބައްޕާފުޅުގެ މެސެޖުގައި ވެ އެވެ.
ޔާމީން ވިދާޅުވިގޮތުގައި، ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރު މީހުން ވަދެ ގޮތް ކިޔައިގެން ނުވާނެ އެވެ. ދިވެހިން އެ ކަމަށް ފާރަވެރިވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ، 2013 ގައި ރާއްޖޭގެ ވެރިކަމާ އެ މަނިކުފާނު ހަވާލުވެ، ދިވެހި އިގްތިސޯދު ކޮޅަށް ޖަހައިދީ، ގައުމީ މަސްލަހަތާ ގުޅުން ހުރި ގިނަ ކަންކަން ހައްލު ކޮށްދެއްވި ކަމަށެވެ. އަދި ފުރިހަމަ މިނިވަންކަމާއި ސިޔާދަތެއް އޮތް، ދިވެހިން ފަޚުރުވެރިވާ ފަދަ ގައުމަކަށް ރާއްޖެ ހަދައި ދެއްވި ކަމަށެވެ.
"މި ކަންކަމުގެ ނަތީޖާއަކަށްވީ، ވާދަވެރި ސިޔާސީ ފަރާތްތަކަށް، އެ ބޭފުޅުންނަށް ވާގިވެރިވާ ބޭރުގެ ފަރާތްތަކާ ގުޅިގެން އަޅުގަނޑު ޖަލަށްލުމެވެ. ބަވަނަ ވެފައިވާ ދުނިޔެއެެއްގައި ކުޑަޖަޒީރާ ގައުމަކަށް ހަމަ އިސްކޮޅަށް ތެދުވެދެލެވޭނީ ވަރަށް ސާބިތުކަމާއެކު ނުކުމެގެން ކަން އަޅުގަނޑު އެންމެ ފުރަތަމަ ދުވަހު ވެސް ގަބޫލުކުރީމެވެ. އެ ދަތުރަކީ ފަސޭހަ ދަތުރަކަށް ނުވާނެކަން ހިތާއި ނަފުސުން ގަބޫލު ކޮށްގެންނެވެ،" ރާއްޖޭގެ ދާޚިލީ ކަންކަމަށް ބޭރު މީހުން ވަނުމާ އަބަދުވެސް ދެކޮޅު ހައްދަވަމުން ގެންދަވާ ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި، އިދިިކޮޅު ޕީޕީއެމް/ޕީއެންސީގެ ފިކުރަކީ ގައުމީ ފިކުރެވެ. އެ ފިކުރުގެ ރައްޔިތުންގެ ލޭ ހިނގާހާ ހިނދަކު، ރާއްޖެ އަށް ވާނެ ގޮތެއް ވާކަށް ދޫނުކުރާނެ ކަމުގެ ޔަގީންކަން އޮންނަ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ، އެނބުރި ވަޑައިގަންނަވާނީ މައުސޫމް ބޭފުޅެއްގެ ގޮތުގައި ކަމަށް.
ޔާމީން މިއަދު ވެސް ވިދާޅުވީ، އެ މަނިކުފާނު ކުށެއް ނުކުރައްވާ ކަމަށާއި ޖަލުގައި ބަންދުކޮށްފައި ވަނީ ނުހައްގުން ކަމަށެވެ. ބޭއިންސާފުން ހައްޔަރުކޮށްގެން އުޅެނީ ޔާމީން ވިދާޅުވިގޮތުގައި، "ތިޔަ ލޮބުވެތި ރައްޔިތުންގެ ކުރިމަތީގައި އަޅުގަނޑު ވަކާލާތު ކުރާނެކަން އެ ބޭފުޅުންނަށް އެނގޭތީ" އެވެ.
"ހަގީގީ އަނިޔާއަކީ މިއީ އެވެ. މާތް ﷲގެ ވާގިފުޅާއެކު ޖަލުން މިނިވަންވެ، ތިޔަ ލޮބުވެތި އަޚުނާއި އުޚުތުންނާ ބައްދަލުކުރާނީ މައުސޫމް މީހެއްގެ ގޮތުގަ އެވެ. އަޅުގަނޑުގެ އިޚުލާސްތެރި އެދުމަކީ ގައުމީ އަދި ވަތަނީ ރުކުންތަކުގައި ސާބިތުކަންމަތީގައި ތިއްބަވައި، އަޅުގަނޑުމެންގެ ބަދަހި ލަޝްކަރު ކުރިއަށް ދިއުމެވެ،" ޗެނަލް 13 ގައި އިއްވި މެސެޖުގައި ޔާމީން ވިދާޅުވި އެވެ.
އަޅުގަނޑަކީ ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާނެ މީހެއް ނޫން: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ