ސުޕްރީމް ކޯޓުގެ އައު ޤަވާޢިދެއް އެކުލަވާލާއި، ހޮނިހިރު ދުވަހު އަމަލުކުރަން އެކޯޓުން ނިންމައިފިއެވެ. "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އައު ގަވާޢިދު" އެކޯޓުން މިއަދުވަނީ އާންމުކޮށްފައެވެ.
ސުޕްރީމް ކޯޓުން މިއަދު އެކޯޓުގެ އާޤަވައިދު އާއްމު ކުރިއިރު ވަނީ ޤަވައިދަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މީގެ ކުރިން ސުޕްރީމް ކޯޓު ހިންގުމުގައި އަމަލު ކުރަމުން އައީ 2009 ވަނަ އަހަރުގެ މެއި މަހު އާއްމުކުރި ޤަވައިދަކަށެވެ.
21 ބައިގެ މައްޗަށް އެކުލަވާލައި ޖުމްލަ 161 މާއްދާ ހިމެނޭ މި ޤަވާއިދުގެ ދަށުން އައު ފޯމުތަކެއްވެސް އެކޯޓުންވަނީ ތަޢާރަފުކޮށްފައެވެ. އޭގެތެރޭގައި ހަމައެކަނި ސުޕްރީމް ކޯޓުން ބެލޭނެކަމަށް ކަނޑައަޅާފައިވާ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމާއި، ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞް ލިބިގެންވާ ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމާއި، ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަށް އެދޭ ފޯމު، ސުޕްރީމް ކޯޓުގެ ނިންމުން ނުވަތަ ޙުކުމް އަލުން ބަލައިދިނުމަށް އެދި ހުށަހަޅާ ފޯމު، ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ބާޠިލުކުރުމުން އަލުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާ ފޯމު، މައްސަލައިގައި ހާޒިރުވާ ފަރާތް ރަށުން ބޭރަށް ފުރައިގެން ދާކަން އަންގާ ފޯމުގެ އިތުރުން ކޯޓަށް ހުށަހަޅަންޖެހޭ މެޑިކަލް ފޯމުވެސް ހިމެނެއެވެ.
އެޤަވައިދު ބުނާ ގޮތުން ހައިކޯޓުން ނިންމާފައިވާ މައްސަލައެއްގެ ޙުކުމާމެދު، ނުވަތަ އެ ކޯޓުން ކުރާ އަމުރަކާމެދު ނުވަތަ ނިންމާ ނިންމުމަކާމެދު ސުޕްރީމް ކޯޓަށް ޤަބޫލު ކުރެވޭފަދަ ސަބަބުތަކެއް ހުށަހަޅައިފިނަމަ، އެ ޙުކުމެއް ނުވަތަ އެ އަމުރެއް ނުވަތަ އެ ނިންމުމެއް ތަންފީޒުނުކޮށް ވަގުތީ ގޮތުން ހިފެހެއްޓުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ.
މީގެއިތުރުން، ކޯޓަށް ހާޒިރުވުމުގެ އަމުރު އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ރައްދުކުރުމާއި، ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ޓެލެކޮންފަރެންސިންގ ޕްލެޓްފޯމްތައް މެދުވެރިކޮށް ކުރިއަށް ގެންދިއުމާގުޅޭ އުސޫލުތަކުގެ އިތުރުން، އައު ހެކި ހުށަހެޅުމާއި ހެކިންނާއި ޚަބީރުން ހާޒިރުކުރުމުގައި ޢަމަލުކުރާނެގޮތްތައް ވަނީ ބަޔާންކޮށްފައެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އައު ގަވާޢިދު" އެކޯޓުން މިއަދުވަނީ އާންމުކޮށްފައެވެ. މި ޤަވާއިދަށް ޢަމަލުކުރަން ފެށުމުން، 2008 ވަނަ އަހަރުގެ ސެޕްޓެންބަރު 21 ވަނަ ދުވަހު ޢަމަލުކުރަން ފަށާފައިވާ "ސުޕްރީމް ކޯޓުގެ ގަވާއިދު 2009" އާއި އެ ގަވާއިދަށް ގެނެވުނު އިޞްލާޙްތަކާއި މި ޤަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކުރެވިފައިވާ ސުޕްރީމް ކޯޓުގެ ނިންމުންތައް އުވުނީކަމަށް ޤަވާޢިދުގައިހިމަނާފައިވެއެވެ.
ސުޕްރީމް ކޯޓުން ޤަވާޢިދެއް އެކުލަވާލައި، ހޮނިހިރު ދުވަހު އަމަލުކުރަން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ