ކުޅުދުއްފުށިން އެންމެ ފަހުން ޕޮޒިޓިވްވި ކޭސްއާ ސްކޫލް ދަރިވަރުންނާއި ޓީޗަރުން ކޮންޓެކްޓު ވެފައިވޭ

ކުޅުދުއްފުށި ސިޓީން އެންމެ ފަހުން ޕޮޒިޓިވްވި ކޭސްއާ ސްކޫލު ދަރިވަރުންނާއި ޓީޗަރުން އަދި ފުޓްބޯޅަ އެކެޑަމީއެއްގެ ކުދިންތަކެއް ކޮންޓެކްޓްވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ކުޅުދުއްފުށިން އެންމެ ފަހުން ޕޮޒިޓިވް ވެފައިވަނީ އެރަށުގައި މަސައްކަތްކުރާ ފުލުހެއްގެ އާއިލާގެ ހަތަރު މެންބަރުންނެވެ. އަދި އެ ކޭސްތަކާ ގުޅިގެން ކުޅުދުއްފުށި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، އެރަށުގައި ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިވާ ކަމަށް އެޗްއީއޯސީން ބުނެ އެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުޅުދުއްފުށީ ޓާސްކު ފޯސްގެ ފަރާތުން ވާހަކަ ދައްކަވަމުން އިބްރާހިމް ނާޒިމް ވިދާޅުވީ، އެރަށުން އެންމެ ފަހުން ފެނުނު ކޭސްގެ ކޮންޓެކްޓުންގެ ގޮތުގައި 15 ދަރިވަރުންނާއި ހަތް ޓީޗަރުން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މުއްދަތުގައި އޭނާ ފުޓުބޯޅަ ކުޅެން ގޮސްފައިވާތީ، ފުޓްބޯޅަ އެކެޑަމީން 38 ކުއްޖަކާ ކޮންޓެކްޓް ވެފައިވާ ކަމަށް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި، ކުޅުދުއްފުއްޓަށް ބަލި ފެތުރުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު މާލެއިން އެރަށަށް ދިޔަ 18 ފުލުހަކާ ބައްދަލުވި އެހެން ފުލުހެއްގެ ފަރާތުންނެވެ. އެ ޓީމުން ކުޅުދުއްފުށީގެ އިތުރުން ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި އަދި ށ. ފުނަދޫ އަށް ދަތުރުކޮށްފައިވެ އެވެ. އަދި ކުޅުދުއްފުށިން ޕޮޒިޓިވް ފުލުސް މީހާގެ ކޮންޓެކްޓުން ދިހަ ރަށެއްގައި އެބަ ތިބި ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ކުޅުދުއްފުށީގެ އިތުރުން ހޯރަފުށި، ފުނަދޫ، ހދ. ކުރިނބީ، ހއ. އިހަވަންދޫ، ށ. މިލަންދޫ، ށ. ފޯކައިދޫ، ށ. ކަނޑިތީމު އަދި ހއ. ބާރަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އުތުރު ޕޮލިސް ކްލަސްޓާއާ ގުޅިގެން މިހާތަނަށް ޖުމްލަ 19 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. އެއީ ކުޅުދުއްފުށިން ޕޮޒިޓިވްވި 13 މީހަކާއި ކުރިނބިން ޕޮޒިޓިވްވި މީހަކާއި ފޯކައިދޫން ޕޮޒިޓިވްވި މީހެއްގެ އިތުރުން ދިއްދޫން ޕޮޒިޓިވްވި ހަތަރު މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ