ވަކިކުރަން ފޮނުވުމުން ގާޒީ އިބްރާހިމް އަލީ އިސްތިއުފާދެއްވައިފި

ކުރިމިނަލް ކޯޓުގެ ގާޒީކަމުން ވަކިކުރަން ޖޭއެސްސީއިން ނިންމައި މަޖިލީހަށް ފޮނުވާފައިވާ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އަލީ މިއަދު ގާޒީކަމުން އިސްތިއުފާ ދެއްވައިފި އެވެ. އޭނާ ވަނީ ޖޭއެސްސީއަށް އިސްތިއުފާގެ ސިޓީ ހުށަހަޅާފައިވާކަން "ސަން"އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. އެކަން ކަށަވަރުކޮށްދެއްވައި އޭނާ މިއަދު ވިދާޅުވީ ގާޒީ ކަމުން ވަކިކުރަން ނިންމީ ރަނގަޅު އަސާސެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށާއި ބަޔަކު ބަންދުން ދޫކޮށްލުމަށް ނިންމި ނިންމުމެއް އަލުން މުރާޖައާ ކުރުން ހައިކޯޓުން ކޮށްފައިވާ އަމުރަށް އަމަލު ކުރުމުގައި އޭނާ ގަސްތުގައި ލަސްކޮށްފައި ނުވާނެ ކަމަށެވެ. އަދި ބަންދުގެ މައްސަލަ މުރާޖައާ ކުރުން ލަސްވެގެން ދިޔައީ ކުރިމިނަލް ކޯޓުގެ އިދާރީ ކަންތައްތަކެއްގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް، އެ ކަންކަމަށް ރިއާޔަތް ނުކޮށް ޖޭއެސްސީއިން މައްސަލަ ނިންމީ ކަމަށް ވެސް ގާޒީ އިބްރާހިމް އަލީ ވިދާޅުވި އެވެ. އޭނާ މަގާމުން އިސްތިއުފާ ދިންއިރު 60 ދުވަސް ވަންދެން އޭނާ ވަނީ ސަސްޕެންޑްވެސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ