ސީއެސްސީގެ ނައިބު ރައީސް ޝަހީދު ވަކިކުރަނީ

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ނައިބު ރައީސް ޝަހީދު މުހައްމަދު މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައި މައްސަލަ ކޮމިޓީ އަށް ފޮނުވައިފި އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޝަހީދު ކޮމިޝަނުގެ މެންބަރު ކަމުން ވަކިކުރުމުގެ މައްސަލައެއް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ކުރިއަށް ގެންދަން ބޭނުންވާތީ، އެކަން ރިޔާސަތުގެ ސަމާލު ކަމަށް އައިސްފައިވާ ކަން އިއުލާން ކުރައްވައިފަ އެވެ.
އެހެންވެ، އެ މައްސަލަ ދިރާސާ ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ރިޔާސަތުން ފޮނުވި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މީގެކުރިން ދިޔައީ ޝަހީދުގެ މައްސަލައެއް ބަލަމުންނެވެ. އެ މައްސަލަ ކޮމިޓީ އަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ.
އެކަން އަހުމަދު އަބްދުﷲ ކޮމިޓީ އަށް ހުށަހެޅުއްވީ ސީއެސްސީގެ މުވައްޒަފުންތަކެއްގެ ހައްގަށް އަރައިގެންފައިވާ ކަމަށް ބުނެ އެވެ.
ޝަހީދު ސީއެސްސީ އަށް އައްޔަން ކުރީ ނޮވެމްބަރު 29، 2015 އިން ފެށިގެންނެވެ.
މެޑިކަލް ސައިންސްގެ ދާއިރާއިން ބެޗްލަސް އާއި މާސްޓަސް ޑިގްރީ ހާސިލް ކުރައްވާފައިވާ ޝަހީދު ސީއެސްސީގެ ނައިބު ރައީސް ކަމަށް އައްޔަން ކުރީ އޮކްޓޯބަރު 10، 2017 ގަ އެވެ. މެމްބަރު ކަމަށް އޭނާ އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ