ޕާޓީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރަން ރައީސް އަބްދުﷲ ޔާމީންއާ ބައްދަލުކުރެއްވުމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމު ތިން ފަހަރެއްގެ މަތިން އެދިވަޑައިގެން ނަމަވެސް އެތައް މަހެއް ވީއިރު ވެސް ޔާމީން ޖަވާބެއް ނުދެއްވާކަން "މިހާރު" އަށް ކަށަވަރުވެއްޖެ އެވެ.
ނޫހުގައި ނަން ނުޖެހުމަށް އެދި ޕީޕީއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ ޕާޓީގެ މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދެއްކެވުމަށް މައުމޫން ތިން ފަހަރެއްގެ މަތިން ރައީސް ޔާމީން އަރިހުން އެދިވަޑައިގެންނެވި ކަމަށާއި އެކަމަކު އެކަމަށް އެއްވެސް އިޖާބައެއް ނުދެއްވާ ކަމަށެވެ.
ރައީސް މައުމޫނާއި ޔާމީނާ ދެމެދު ޕާޓީގެ ކަންކަމުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާއި މައުމޫން ހުށަހަޅުއްވާ ޕާޓީގެ އިސްލާހީ އެޖެންޑާއާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ރޭ ވަނީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންވަން ހަމަޖެހިފައިވީ ނަމަވެސް، އެންމެ ފަހު ވަގުތު އެ ބައްދަލުވުމަކަށް އެ މަނިކުފާނު ވަޑައެއްނުގަންނަވަ އެވެ.
ރޭގެ ކައުންސިލް ބައްދަލުވުމަށް ފަހު މައުމޫންް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ: އެ ބައްދަލުވުން ވަނީ ކުރިއަށް ނުގެންދެވިގެން މެދުކަނޑާލާފައި--ފޮޓޯ: ނިޝާން އަލީ/މިހާރު
ޕާޓީގެ ތެރޭގައި އުފެދިފައިވާ މައްސަލަތަކާ މެދު ވާހަކަ ދައްކަން ބައްދަލުވުމެއް ބާއްވަން ޕާލަމެންޓްރީ ގްރޫޕުން އެދުމުން ރޭ ކައުންސިލްގެ ބައްދަލުވުމެއް ބޭއްވި ނަމަވެސް ވަކި ހިސާބަކުން، ޔާމީނަށް ތާއިދު ކުރައްވާ މެމްބަރުން ވަނީ އެތަން ދޫކުރައްވާ ވަޑައިގެންފަ އެވެ. އެ ބޭފުޅުންގެ މައްސަލައަކީ ސުލޫކީ ކޮމެޓީން ވަކިކުރަން ނިންމާފައިވާ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި އައިމިނަތު ނާދިރާ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމެވެ.
ބައްދަލުވުން ކުރިއަށް ނުގެންދެވުމުން ނޫސްވެރިންނާ ބައްދަލުކުރައްވައި މައުމޫން ވިދާޅުވީ މައްސަލަތަކާ ގުޅޭގޮތުން ޔާމީނާ ވަކިން އަދި އެއްވެސް ފަހަރަކު މަޝްވަރާ ކުރައްވާފައި ނުވާ ކަމަށެވެ. އަދި ކައުންސިލްގެ އެ ބައްދަލުވުމަށް އެ މަނިކުފާނު ވަޑައިގަންނަވާކަމުގެ ހަބަރު ލިބިވަޑައިގަތީ ވެސް މީޑިއާއިން ކަމަށް ވިދާޅުވި އެވެ.
"އެކަމަކު ވަޑައިގެންނެވި ނަމަ އަޅުގަނޑު މަރުހަބާ ދެންނެވީމުސް. ވަރަށް އިއްޒަތާއި ގަދަރާއެކު މަރުހަބާ ދެންނެވީމުސް،" މައުމޫން ވިދާޅުވި އެވެ.
ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށް މައުމޫން އެދިވަޑައިގަތްތޯ ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އެ މަނިކުފާނު ވިދާޅުވީ "ތި ވާހަކައަށް ދާކަށް އަޅުގަނޑު ނެތިން" ކަމަށެވެ. އެކަމަކު "މިހާރު"އަށް އެނގިފައިވާ ގޮތުގައި މައްސަލަތައް ޖެހެން ފެށުމާއެކު އެކަން ހައްލު ކުރަން ބައްދަލުކުރެއްވުމަށް މައުމޫން ވަނީ ތިން ފަހަރަކު އެދިވަޑައިގަންނަވާފަ އެވެ.
މައުމޫން ވިދާޅުވީ ކައުންސިލްގެ ބައްދަލުވުންތަކުގައި ޔާމީން ބައްދަލު ކުރެއްވީ މުޝްތަޝާރެއް ނުވަތަ މެމްބަރެއްގެ ހައިސިއްޔަތުން ކަމަށާއި ބައްދަލުވުމުގައި ބައިވެރިވުމާއި ނުވުމުގެ އިހްތިޔާރު މެމްބަރުންނަށް އޮންނާނެ ކަމަށެވެ. އަދި ކައުންސިލްގެ ގިނަ ބައްދަލުވުންތަކުގައި ޔާމީން ބައިވެރިވެ ވަޑައިނުގަންނަވާތީ ރޭގެ ބައްދަލުވުމުގައި ވެސް އެ މަނިކުފާނު ބައިވެރިވެ ވަޑައިގެންފާނެ ކަމަށް ހީނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ފެކްޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: މައްސަލަތައް ހައްލު ކުރެވޭނެ ކަމުގެ ޔަގީންކަން ދިން.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
މައުމޫން ވިދާޅުވިގޮތުގައި މި މައްސަލަތަކުގައި ދޫދޭން އެ މަނިކުފާނު އެއްވެސް ކަމެއް ގޯސްކޮށެއް ނުކުރައްވަ އެވެ.
ޔާމީނަށް ތާއީދު ކުރައްވާ މެމްބަރުން ރޭ ބައްދަލުވުން ދޫކުރައްވައި ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ވަނީ ބައްދަލު ކުރައްވާފަ އެވެެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ފާރިސް އާއި ނާދިރާ ވަކިކުރަން ނިންމީ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށާއި އެހެންވެ، އެ ދެ ބޭފުޅުންނަށް ކައުންސިލްގައި ނުތިއްބެވޭނެ ކަމަށެވެ. އެކަމަކު އެ ދެބޭފުޅުން ނުލައި މާދަމާ ވެސް ކައުންސިލްގެ ބައްދަލުވުމެއް ބާއްވަން ތައްޔާރު ކަމަށް ވިދާޅުވި އެވެ.
ރޭގެ ބައްދަލުވުން ދޫކުރައްވައި ވަޑައިގަންނަވަން ރައީސް ޔާމީން ނާންގަވާ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
ޕާޓީގެ ތެރޭގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރަން ކައުންސިލް އެއްކުރަން އުޅުމުން އެކަން ފޭލްވެފައިވީ ނަމަވެސް ދެ ފެކްޝަންގެ ބޭފުޅުންގެ މެދުގައި އެއްވެސް ވަރެއްގެ ހަމަނުޖެހުމެއް ނުހިނގާ ކަމަށާއި ވާހަކަ ދައްކައިގެން މައްސަލަތައް ހައްލު ކުރާނެ ކަމަށް މައުމޫން އަދި ޔާމީނަށް ތާއީދު ކުރައްވާ މެމްބަރުން ވެސް ރޭ ވަނީ ވިދާޅުވެފަ އެވެ.
ބައްދަލުވުމަކަށް ތިން ފަހަރު މައުމޫން އެދުނު، އެތައް މަހެއްވީ އިރު ވެސް ޔާމީނު ޖަވާބެއް ނުދެއްވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ