ކުރީގެ އެޓޯލްސް އިމާރާތުގެ ގުދަނެއްގައި ރޯވީ ކަރަންޓް ޝޯޓަކުން ކަމަށް ލަފާކުރެވޭ: އެމްއެންޑީއެފް

ކުރީގެ އެޓޯލްސް މިނިސްޓްރީ ހިންގި އިމާރާތުގައި ހުރި ފުލުހުންގެ ގުދަނެއްގައި ރޭ އިރާކޮޅު ރޯވެފައި ވަނީ ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނެފި އެވެ.
އެމްއެންޑީއެފުގެ ލެފްޓިނެންޓް އަބްދުﷲ އަލީ ވިދާޅުވީ ރޭ އިރާކޮޅު އެޓޯލްސް އިމާރާތުގެ ތިރީބައިގައި ހުންނަ ގުދަނުގައި އަލިފާން ރޯވެ، ބައެއް ތަކެތި އަނދާފައި ވީ ނަމަވެސް މާ ބޮޑު ގެއްލުމެއް ނުލިބޭ ކަމަށެވެ. އަލިފާނުގެ ހާދިސާއެއްގެ މައުލޫމާތު ލިބުމާއެކު މާ ގިނަ އިރުތަކެއް ނުވެ އެތަން ނިންވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އަލިފާން ރޯވެފައި ވަނީ ފުލުހުންގެ ލިޔެކިޔުންތަކަށް ބޭނުންވާ ސާމާނު ބަހައްޓާފައި ހުރި ގުދަނެއްގައި ކަމަށެވެ. އެ ތަކެއްޗަކީ އެ އިމާރާތުން ބަދަލުވި އިރު، ނުގެންދެވިފައި ހުރި ތަކެތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަލިފާން ރޯވެ ބައެއް ތަކެތި އެނދިއަސް ބޭނުން ކުރެވޭ ބައެއް ސާމާނު ވެސް އެބަހުރި. އެހެންވީމަ ލިބުނު ގެއްލުމުގެ ތަފްސީލު އައިޑެންޓިފައި ކުރަމުން މިދަނީ،" އޮފިޝަލް ވިދާޅުވި އެވެ.
ފުލުސް އޮފީހުން ބުނީ އެ ގުދަނުގައި ރޯވި ސަބަބު އަދި ނޭނގޭ ކަމަށާއި އެކަންތައް ބަލަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ