ފ. އަތޮޅު ނުވަތަ އެނޫންވެސް ރާއްޖޭގެ އަތޮޅެއް ސަރުކާރުން ވިއްކާލަން އުޅޭކަމުގެ ވާހަކަ ދައްކާ އަދި ޚަބަރު ފަތުރާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމުގެ ފުރުޞަތު ސަރުކާރަށް އެބައޮތެވެ.
ސަރުކާރުން ތަކުރާރުކޮށް ޔަޤީންކަން ދެމުން ގެންދަނީ ފ. އަތޮޅު ވިއްކާލަން ސަރުކާރުން ނުއުޅޭ ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް އެތޮޅެއް ވިއްކާލަން ނުއުޅޭ ކަމަށެވެ.
ރާއްޖޭގެ އެއްވެސް އަތޮޅެއް ވިއްކައިލުމަކީ ރާއްޖޭގެ ޤާނޫނު އަސާސީ ހުއްދަކުރާ ކަމަކަށްނުވާއިރު އެފަދަ ކަމެއް ސަރުކާރުން ކުރަން އުޅޭކަމަށް ތުހުމަތުކޮށް ވާހަކަ ދައްކައި ޚަބަރު ފަތުރަނީ ފިތުނަ އުފައްދަންކަން އެންމެންނަށްވެސް އެނގެއެވެ. އަދި ސަރުކާރުގައި އަޅުވަމުން ގެންދަނީ ކަނޑައެޅިގެން ދޮގު އިލްޒާމްތަކެއްކަންވެސް އެންމެންނަށް އެނގެއެވެ.
"ކަނޑައެޅިގެން ނުކުރެވޭނެ، ޤާނޫނު އަސާސީ ހުއްދަ ނުކުރާ ކަންކަމުގެ ވާހަކަ ދައްކައި މައުލޫމާތު ފެތުރުމަކީ އިސްލާމް ދީނާއި ރާއްޖޭގެ ޤަނޫނު އަސާސީގައިވެސް ކަނޑައެޅިގެން ބޮޑު ކުށެއް. މިކަންކަމަށް މީޑިއާ ކޮމިޝަންތައް އަދި ހޭލާނެ. ކޮމިޝަންތަކުން ފިޔަވަޅު އަޅާނެ. ހޯމް މިނިސްޓްރީ އާއި ފުލުހުންވެސް ފިޔަވަޅު އަޅާނެ. ކޯޓުތަކުން ޙުކުމް ވެސް ކުރުމަކީ ހަމަ އެކަށީގެންވާ ކަމެއް. އެދުވަހަކުން އެންމެން ކުށްވެރިކުރާނީ ކޯޓުތައްތަ؟" މިއީ އުމުރުން ދުވަސްވީ ސިޔާސީ ވިސްނުންތެރިއެއްގެ ޚިޔާލެވެ.
"މިއުޅެނީ ހަމަ އެންމެ ކަމެއް ޖެހިގެން. އެއީ ސައުދިއަރަބިޔާ ފަދަ އެންމެ އިސް މުސްލިމް ޤައުމާއި ރާއްޖެއާއިމެދު ގުޅުން ބަދަހިވެދާނެތީ ޔަހޫދީން ކަންބޮޑުވަނީ. ރާއްޖެއަކީ ދުނިޔޭގައި އޮތް ސައްތައިން ސައްތަ މުސްލިމް ދެވަނަ ޤައުމުކަމަށްވާތީ ސައުދިއަރަބިޔާގެ އެހީތެރިކަން ރާއްޖެއަށް އިތުރުރަމުން ގެންދާތީ ރާއްޖޭގައި އިސްލާމީ ކަންކަން ކުރިއަރާފާނެތީ ޔަހޫދީން ކަންބޮޑުވަނީ." ކަމަށްެވެސް އޭނާ ވިދާޅުވިއެވެ.
"ރާއްޖޭގެ އަތޮޅެއް ވިއްކަވަން ނުއުޅުއްވާ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވަވާފަ. ސްޓެލްކޯ މާލަމުގަ އެންމެފަހުން ދެއްވި ތަޤްރީރުން އެކަން ޔަޤީން ކުރެވޭނެ. ދެން ކޮންފަދަ ބޮޑު ފިތުނައެއްތަ މިއުފައްދަނީ؟ ރާއްޖޭގައި އިސްލާމް ދީން މަތިވެރިވެދާނެތީ ހަމަ ޔަހޫދީން ހީބިހި ނަގަނީ." ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިދިކޮޅު ލީޑަރަކު ބުނި ނަމަވެސް އެއްކޮޅު ލީޑަރަކު ބުނި ނަމަވެސް މައުލޫމާތު ހާމަކޮށް ހާމަކޮށް ޚަބަރުތައް ފަތުރަންޖެހޭނީ އަދި ޝުޢޫރު ފައުޅުކުރަންޖެހޭނީ ޤާނޫނީ އިންތަކުގެ ތެރެއިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ކަނޑައެޅިގެން ޤާނޫނާ ތައާރަޒްވާ ކަންކަން ސަރުކާރުން ކުރަން އުޅޭކަމަށް ބުނެ ހާމަކުރުމަކި އެކަމަކާއި ދެކޮޅަށް ފިޔަވަޅު އެޅުމުގެ ހައްޤު ސަރުކާރަށް ފުރިހަމައަށް އޮތް ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފ. އަތޮޅު ވިއްކާލާ ވާހަކަަ ފަތުރާ ފަރާތްތަކަށް ކޯޓުން އަދަބެއް ދިނީމާ ވެސް ކުށްވެރިވާނީ ކޯޓުތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ