ހަވީރު އޮންލައިނަށް ތިން ދުވަހުގެ ތެރޭގައި 1.5 މިލިއަން ހިޓްސް ލިބިއްޖެ

ރާއްޖެ އަށް ބޮޑުރާޅު އެރުމުގެ ހާދިސާގެ ހަވީރު އޮންލައިން ކަވަރޭޖަށް ތިން ދުވަހުގެ ތެރޭގައި 1.5 މިލިއަން ހިޓްސް ލިބިއްޖެ އެވެ. މިއީ ހަވީރު އޮންލައިނުގެ ތާރީހުގައި މިހާ ގިނަ ބަޔަކު އޮންލައިނަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ.
މިިދިޔަ އާދިއްތަ ދުވަހު ހެނދުނު، ކުއްލި ގޮތަކަށް މުޅި ރާއްޖެ އަށް ބޮޑު ރާޅު އަރައި، މާލެ އަށާއި އަތޮޅުތަކަށް ގެއްލުން ލިބެން ފެށުމާއެކު މި ހާދިސާގެ ހަބަރުތަކާއި ފޮޓޯތައް ހިނދުންހިނދަށް ގެނެސްދިނުމަށްޓަކައި ހަވީރު އޮންލައިނުން ވަނީ މަސައްކަތް ފަށައިފަ އެވެ. އަދި ކަމާ ބެހޭ ކަންތައްތައް ވިލަރެސް ކުރެއްވުމަށް ހަމަ އެ ދުވަހު އިސްކަންދަރު ސްކޫލްގައި ޓާސްކްފޯސް އޮފީހެއް ގާއިމް ކުރެއްވުމުން ހަވީރު އޮންލައިންގެ ޑެސްކެއް އެ ސްކޫލްގައި ގާއިމްކޮށް، ހާދިސާގެ އެންމެ ފަހުގެ އަޕްޑޭޓްސް މެދުކެނޑުމެއް ނެތި 24 ގަޑިއިރު ގެނެސްދެމުން އައިސްފައިވެ އެވެ. އަދި ފަހުން، ސޯޝަލް ސެންޓަރަށް ބަދަލުކުރުމުން ވެސް، އެ ތަނުގައި ވެސް ވަނީ ހަވީރު އޮންލައިންގެ ޑެސްކެއް ގާއިމްކޮށްފަ އެވެ.
ބޮޑުރާޅު އެރި ދުވަހުގެ ކުރީ ދުވަހު، 25 ޑިސެމްބަރުގައި، ހަވީރު އޮންލައިނަށް ލިބިފައި ވަނީ 128' 34 ހިޓްސް އެވެ. ނަމަވެސް ބޮޑުރާޅު އެރި ދުވަހު
857' 392 ހިޓްސް ލިބިފައިވެ އެވެ. އަދި ޑިސެމްބަރު 28 ގައި 634' 611 ހިޓްސް ލިބިފައި ވެ އެވެ. މިއީ މިހާތަނަށް އެންމެ ގިނަ ބަޔަކު ބެލި ދުވަހެވެ. ޑިސެމްބަރު 28 ގައި ލިބިފައި ވަނީ 057' 503 ހިޓްސް އެވެ.
ހަވީރު އޮންލައިނުން ބޮޑަށް މަސައްކަތް ކޮށްފައި ވަނީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް، ކަމާ ބެހޭ މައުލޫމާތު ވީހާ ވެސް ތާޒާކޮށް ގެނެސްދިނުމަށެވެ. އަދި މި ހާދިސާގައި މަރުވެދިޔަ އާއިލާތަކަށް ހަމްދަރުދީގެ މެސެޖް ފޮނުވުމަށް ހަވީރު އޮންލައިންގައި ޚާއްސަ ފޮތެއް ވެސް ހުޅުވައިފައި ވެ އެވެ. މި ފޮތުގައި ވެސް ވަރަށް ގިނަ ބަޔަކު ވަނީ އެ މީހުންގެ ޝުއޫރުތައް ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި، ރާއްޖެއިން ބޭރުގައި ތިބި ދިވެހި ކިޔަވާ ކުދިންގެ އިތުރުން ރާއްޖެ ޒިޔާރަތްކޮށްފައިވާ ޓޫރިސްޓުން ވެސް ވަރަށް ގިނަ އަދަދަކަށް ހިމެނެ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގައި ހުރި ހަވީރު އޮންލައިން ޑެސްކަށް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމު ރޭ ޒިޔާރަތްކުރެއްވި އެވެ. ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގައި މަސައްކަތްތައް ހިނގާނުހިނގާ ގޮތް ބައްލަވައިލެއްވުމަށް ރައީސް މި ކުރެއްވި ޒިޔާރަތުގައި، ސޯޝަލް ސެންޓަރުގައި އެ ވަގުތު މަސައްކަތްތައް ހިނގަމުން ދިޔަ ޓާސްކްފޯހުގެ ހުރިހާ ޑިޕާޓްމަންޓަކަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވި އެވެ.
ހަވީރު އޮންލައިން ޑެސްކަށް ރައީސް ޒިޔާރަތް ކުރައްވައި، ރ. ކަނދޮޅުދު އަށް ބޮޑުރާޅު އެރި ވަގުތުގެ އާދަޔާޚިލާފު ވީޑިއޯ ހަވީރު އޮންލައިނުން އެ މަނިކުފާނު ބައްލަވައިލެއްވި އެވެ. އަދި އެ ވީޑިއޯއާ ބެހޭ މައުލޫމާތު ސާފުކުރެއްވި އެވެ.
"މި ވީޑިއޯ ނެގި ވަގުތު އެނގެން އޮތް ނަމަ ވަރަށް ރަނގަޅުވީސް،" ރައީސް ވިދާޅުވި އެވެ.
ފޮޓޯގައި ހަވީރު އޮންލައިންގެ އެޑިޓަރު މުހައްމަދު ޝަހީބާ ރައީސް ރޭ ވާހަކަފުޅު ދައްކަވަނީ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ