ލ. ގަމަށް ދަތުރުކުރި ބޯޓެއް މުލަކު ފަރަށް އަރައިފި

ލ. ގަމަށް ދަތުރުކުރި "ނީލްވިލާ" ނަމަކަށް ކިޔާ ބޯޓެއް މ. މުލަކު ފަރަށް އަރައިފި އެވެ.
އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ގަމަށް ދަތުރުކުރި ނީލްވިލާ މުލަކު ފަރަށް އެރި ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ 7:50 ހާއިރު ކަމަށެވެ.
މިމައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިންނާއެކު ހާބަ ކްރާފްޓް ލޯންޗެއް ހަރަކާތްތެރިވަމުންދާ ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގައި ފަރަށް އެރި ދޯނި ފުންކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާއި އެމްއެންޑީއެފްގެ ޑައިވަރުން ގުޅިގެން ކުރަމުންދާ ކަމަށެވެ.
މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބީ ފަސް ދިވެހިންނާއި ތިން ބިދޭސީން ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްކޮށް އުޅޭތީވެ ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ