އިންޓަަ އޮފީސް ހޭންޑްބޯޅަ މުބާރާތް 12 ޓީމާއެކު މާދަމާ ހަވީރު ފަށަނީ

ހޭންޑްބޯލް މޯލްޑިވްސްއިން އިންތިޒާމްކުރާ ދެވަނަ އިންޓަަ އޮފީސް ހޭންޑްބޯޅަ މުބާރާތް 12 ޓީމާއެކު މާދަމާ ހަވީރު ފަށަން ނިންމައިފި އެވެ.
ހޭންޑްބޯލް އެސޯސިއޭޝަނުން ބުނީ، މިމުބާރާތުގައި މާދަމާ ތިން މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން މުބާރާތުގެ ފުރަތަމަ މެޗަކީ އަންހެން ބައިގެ މެޗެކެވެ.
އަމީނީމަގު ވިލީފުލުސް ކުރިމަތީ އޮންނަ ވެލިދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު 4:45ގައި ބައްދަލުކުރާ ދެޓީމަކީ ކުޅިވަރާ ބެހޭ މިނިސްޓްރީގެ ޓީމާއި މޯލްޑިވްސް ގޭސްގެ ޓީމެވެ. އަދި ދެ ވަނަ މެޗުގައި މާދަމާ ރޭ 8:00ގައި ބައްދަލުކުރާނީ ފިރިހެން ބައިން ވާދަކުރާ ދެޓީމް ކަމަށްވާ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޓީމާއި މޯލްޑިވްސް ގޭސްގެ ޓީމެވެ. އަދި ތިން ވަނަ މެޗުގައި މާދަމާރޭ 9:30 ގައި ބައްދަލުކުރާ ދެޓީމަކީ އަންހެން ބައިން ވާދަކުރާ ދެޓީމް ކަމަށްވާ ފިނޭސް މިނިސްޓްރީގެ ޓީމާއި ޓުއަރިޒަމް މިނިސްޓްރީގެ ޓީމް އެވެ.
ވީނިއުސްއާ ވާހަކަ ދައްކަވަމުން ހޭންޑްބޯލް މޯލްޑިވްސްގެ ނައިބު ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ މިއަހަރުގެ މުބާރާތުގައި ވާދަކުރާ 12 ޓީމުގެ ތެރޭގައި އަންހެން އަށް ޓީމާއި ފިރިހެން ހަތަރު ޓީމް ހިމެނޭ ކަމަށް މުޖޭ ވިދާޅުވި އެވެ.
މިފަހަރުގެ މުބާރާތުގައި ވާދަކުރާ އަންހެން ޓީމް ތަކަކީ އައިޖީއެމްއެޗް، މޯލްޑިވްސް ގޭސް، ޕޮލިސް، ޔޫތު މިނިސްޓްރީ، އިމިގްރޭޝަން، ފުލައިމީ، ފިނޭސް މިނިސްޓްރީ، އަދި ޓުއަރިޒަމް މިނިސްޓްރީއެވެ. އަދި މުބާރާތުގައި ވާދަކުރާ ފިރިހެން ޓީމްތަކަކީ ސްޓެލްކޯ، އެމްޕީއެލް، ޕޮލިސް، އަދި މޯލްޑިވްސް ގޭސް އެވެ.
މީގެއިތުރުން މުޖޭ ވިދާޅުވީ، މިމުބާރާތުގެ ފިރިހެންބައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދެ ބުރެއް ކުޅުމަށްފަހު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމް ފައިނަލްގައި ވާދަކުރާ ގޮތަށެވެ. އަދި އަންހެންބައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ދެ ގުރޫޕަކަށް ޓީމްތައް ބަހާލުމަށްފަހު، ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމް ސެމީ ފައިނަލަށް ދަތުރުުކުރާ ގޮތަށް ކަމަށް ވެސް މުޖޭ ވިދާޅުވި އެވެ.
މިދިޔަ އަހަރު ބޭއްވި މިމުބާރާތުގެ އަންހެން ޗެމްޕިއަންކަން ހޯދީ އިމިގްރެޝަން އެވެ. އަދި ފިރިހެން ޗެމްޕިއަންކަން ހޯދީ އެމްއެންޑީއެފް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ