ގާނޫނުގައިވާ މުއްދަތަށް ޕާޓީތަކަށް ފައިސާ ދޫކުރަން އަންގާނަން: އީސީ

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ އިދާރާ މަސައްކަތްތައް ނިންމުމަށްފަހު ފިނޭންސް މިނިސްޓްރީއަށް އަންގާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމުން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ސިޔާސީ ޕާޓީ ތަކަށް ފައިސާ ދޫކުރުމަށްޓަކައި ކޮމިޝަނުން ނިންމަންޖެހޭ އިދާރީ މަސައްކަތްތައް ނިންމަމުން ގެންދާ ކަމަށެވެ.
ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމާއި ގުޅޭ ގޮތުން ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގެ 35 ވަނަ މާއްދާގައި ބުނެފައިވަނީ ދައުލަތުގެ ބަޖެޓުން ޕާޓީ ތަކަށް ދޭން ޖެހޭ ފައިސާ ކޮންމެ އަހަރެއްގެ ފުރަތަމަ ތިންމަސް ނިމުމުގެ ކުރިން ދޭންވާނެ ކަމަށެވެ. އަދި އެގޮތުން ދޫކުރެވޭ ފައިސާ އަކީ ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ އާއި 0.2 އިންސައްތައާއި ދެމެދުގެ އަދަދަކަށް ވާންޖެހޭނެ ކަމަށްވެސް ގާނުނުގައިވެ އެވެ.
ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގެ 34 ވަނަ މާއްދާގައި ބުނެފައިވަނީ ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ސިޔާސީ ޕާޓީތަކުގެ މެދުގައި ބަހާނީ ސިޔާސީ ޕާޓީގެ ދަފްތަރުގައި އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ މެމްބަރުންގެ އަދަދުގެ ނިސްބަތުންނެވެ. އެގޮތުން ރަޖިސްޓްރީވެފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ނުލިބޭނެ ކަމަށްވެސް ގާނޫނުގައި ބުނެ އެވެ.
އަހަރުގެ ފުރަތަމަ ތިން މަސް ފާއިތުވެގެން ދިޔައިރު ވެސް ސިޔާސީ ޕާޓީ ތަކަށް ފައިސާ ދޫކޮށްފައި ނުވާއިރު އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ ތިން މަސް ދުވަސް ގުނަންޖެހެނީ ބަންދު ދުވަސްތައް ނުލައި ކަމަށްވާތީ ތިން މަސް ހަމަވާނީ އަންނަ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެހެންކަމުން އެހާތަނަށް ޕާޓީތަކަށް ފައިސާ ދޫކުރުމަށް ކޮމިޝަނުން ކުރަންޖެހޭ އިދާރީ ކަންކަން ނިންމާ، ޕާޓީތަކަށް ފައިސާ ދޫކުރަން ފިނޭންސަށް އަންގާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ދައުލަތުގެ ބަޖެޓުން މިއަހަރު ސިޔާސީ ޕާޓީތަކަށް ދިނުމަށް ނިންމާފައިވަނީ 24.2 މިލިއަން ރުފިޔާ އެވެ. ދައުލަތުގެ ބަޖެޓުން މިދިޔަ އަހަރު ސިޔާސީ ޕާޓީ ތަކަށް ދޫކޮށްފައިވަނީ 22.8 މިލިއަން ރުފިޔާ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަހަރުގެ ބަޖެޓުން ވަކިވަކި ޕާޓީތަކަށް ލިބޭ ފައިސާގެ އަދަދު ފަހުން ހާމަކުރާނެ ކަމަށެވެ.
ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ދޫކުރުން ލަސްކުރަމުން ގެންދާތީ ގުޅިފައިވާ ޕާޓީތަކުން ގެންދަނީ އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރަން ޖެހޭ ފައިސާ މިދިޔަ އަހަރު ދޫކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ފަހު ހަފްތާ ތެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ