ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހަތަރު ދުވަހު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިމަހުގެ 5 ވަނަ ދުވަހު ކުރި ހުކުމްގެ މުއްދަތު ހަމަވާތީ މާދަމާ ބަންދާއިމެދު ގޮތް ނިންމުމަށް އެމަނިކުފާނު ކޯޓަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.
ގާސިމް މާދަމާ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ހަމަޖެހިފައިވަނީ މެންދުރު 1:30 ގައެވެ.
ގާސިމް އިބްރާހީމްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތާ ގުޅިގެން އެމަނިކުފާނު މިދިޔަ މަހުގެ ތެރޭގައި ދެވަނަ ފަހަރަށް ހައްޔަރުކުރީ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ރޭ މެންދަމު 12:00 ހާއިރު އެމަނިކުފާނުގެ ގެކޮޅު، މާފަންނުވިލާގައި ހުންނަވަނިކޮށް ވަރަށް ކުއްލި ގޮތަކަށެވެ. މިމައްސަލާގައި ގާސިމް އިބްރާހީމްގެ ބަންދަށް ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ 15 ދުވަސް ޖެހީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.
އެ މުއްދަތު ހަމަވުމުން މިމަހުގެ 5 ވަނަ ގާސިމްގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ އިތުރު 4 ދުވަސް ޖަހައިދީފައެވެ. އެ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެއެވެ.
ގާސިމް އިބްރާހީމް މިދިޔަ މަހުގެ ތެރޭގައި ދެވަނަ ފަހަރަށް ކުއްލި ގޮތަކަށް ހައްޔަރުކުރީ ގާސިމްގެ މައްޗަށް ތުހުމަތުތަކެއްކޮށް އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއެއްގެ ޝަރީއަތް މިދިޔަ މަހުގެ 13 ވަނަ ދުވަހު ފަށާފައިވަނިކޮށެވެ.
ގާސިމްގެ މައްޗަށް ކުރާ ތިން ދައުވާ އަކީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ. ހުރިހާ ދައުވާއަކަށް ވެސް ގާސިމް އިބްރާހީމް ވަނީ އިންކާރުކުރައްވާފަ އެވެ.
ގާސިމް އިބްރާހިމްގެ ބަންދާއިމެދު ގޮތް ނިންމުން މާދަމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ