އިސްރާއީލުގެ އުދުވާނީ ސިފައިން ޣައްޒާއަށް ދެމުންގެންދާ ވައިގެ ހަމަލާތަކެއްގައި ފަލަސްތީނު މާބަނޑު އަންހެނަކާއި އަދި އޭނާގެ 14 މަހުގެ ތުއްތު އަންހެން ދަރިފުޅު ޝަހީދުވެއްޖެއެވެ.
އިސްރާއީލުގެ އުދުވާނީ ސިފައިން ޣައްޒާއަށް ވައިގެ ހަމަލާތައް ދެމުން މިގެންދަނީ ޣައްޒާގެ ތެރެއިންލާފައި އިސްރާއީލުގެ ދެކުނުގެ ސިޓީތަކާއި އަވަށްތަކަށް 200 އަށްވުރެ ގިނަ ރޮކެޓް ފޮނުވާލުމާ ގުޅިގެންނެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، އިސްރާއީލު ސިފައިންގެ ރައްދު ހަމަލާތަކުގައި ތިންމީހުން ޝަހީދުވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ މާބަނޑު އަންހެންމީހާއާއި، އޭނާގެ 14 މަހުގެ ތުއްތު އަންހެން ދަރިފުޅު ސީބާ އަބޫ އަރާރްގެ އިތުރުން، އުމުރުން 22 އަހަރުގެ ޒުވާނެއް ކަމަށެވެ.
މިހަމަލާތަކުގައި އިތުރު 13 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
ޚަބަރު ލިބޭގޮތުގައި ޣައްޒާ ތެރެއިން އިސްރާއީލަށް ފޮނުވާލި ރޮކެޓްތަކުގެ ސަބަބުން އިސްރާއީލުގެ ދެމީހުން ޒަޚަމްވެފައި ވެއެވެ. ނަމަވެސް ލިބުނު ގެއްލުމުގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އިސްރާއީލު-ޣައްޒާ ކުރިމަތިލުންތައް އަލުން ފެށުނީ އިސްލާމިކް ޖިހާދު ޖަމާއަތުގެ މުޖާހިދަކު ފިލާހުރެ ހުކުރުދުވަހު ބަޑިޖަހައި އިސްރާއީލު ސިފައިންގެ ދެމީހަކު ޒަޚަމްކޮށްލުމާ ގުޅިގެން އިސްރާއީލުން ރައްދުގައި ވައިގެ ހަމަލާދީ ހަމާސްގެ ދެ މުޖާހިދުން ޝަހީދުކޮށްލުމާ ގުޅިގެންނެވެ.
މީގެއިތުރުން، ޣައްޒާ-އިސްރާއީލު ވަކިކުރާ އިމުގައި މުޒާހަރާ ކުރަމުންދިޔަ ފަލަސްތީނުގެ އިތުރު ދެމީހަކުވެސް އިސްރާއީލުން ހުކުރުދުވަހު ޝަހީދުކޮށްލާފައި ވެއެވެ.
މިކަމުގެ ރައްދުގައި އިސްލާމިކް ޖިހާދު ޖަމާއަތާއި، ހަމާސް ގުޅިގެން އިސްރާއީލަށް ރޮކެޓްގެ ވާރޭ އޮއްސާލީ ހޮނިހިރު ދުވަހުއެވެ.
އަދި އެ ދެ ޖަމާއަތުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުގެ އަނިޔާވެރިކަން ކުރިއަށްގެންދާނަމަ "މިއަށްވުރެ ފުޅާ އަދި ވޭންދެނިވި" ރައްދުތަކެއް އިސްރާއީލަށް ދޭނޭ ކަމަށެވެ.
އިސްރާއީލުގެ އުދުވާނީ ބާރުތަކުން ވައިގެ މަގުންނާއި، ބޮޑުބަޑި ބޭނުންކޮށްގެން ޣައްޒާގެ ވެރިރަށް ގާޒާ ސިޓީގެ 30 ތަނަކަށް ވަނީ ހަމަލާދީފައެވެ. ހަމަލާ ދެވުނު ސަރަހައްދުތަކަކީ ރަމަޟާންމަހަށް އާންމުން ވިޔަފާރިކުރުމުގައި އުޅެމުންދިޔަ ސަރަހައްދުތަކެވެ.
އިސްރާއީލުން ހަމަލާދޭން ފެށުމާއެކު އިމާރާތްތައް ގުޑަންފެށުމާއެކު އާންމުންވަނީ ރައްކާތެރިކަން ހޯދާފައެވެ.
މިހާދިސާގައި ޝަހީދުވި ތުއްތު އަންހެން ކުއްޖާ ސީބާ އަބޫ އަރާރްގެ ބޮޑުދައިތަ އިބްތިސާމް އަބޫ އަރާރް ބުނީ، އިސްރާއީލުގެ މަތިންދާ ބޯޓަކުން ފޮނުވާލި މިސައިލް އަރާފައިވަނީ ތުއްތު ކުއްޖާ ހުރި ގޭގެ ކައިރިއަށް ކަމަށެވެ. އަދި މިސައިލް ގޮވުމާއެކު އޭގެން ބުރައިގެންދިޔަ ބައިތައް ގޭތެރޭގައި ހުރި ތުއްތު ކުއްޖާގެ ގަޔަށް އަރައި ޝަހީދުވީ ކަމަށެވެ.
ތުއްތު ކުއްޖާގެ މަންމަ ފަލަސްތީން އަބޫ އަރާރް ޝަހީދުވީ މިސައިލް ހަމަލާގައި ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން ގެންދަނިކޮށް ގަޑިއިރުތަކެއް ފަހުން ކަމަށް ޣައްޒާ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
މިހަމަލާގައި އެ އާއިލާގެ އިތުރު ކުޑަކުދިންތަކެއްވެސް ޒަޚަމްވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަގެންދެއެވެ.
ފަލަސްތީނު މާބަނޑު އަންހެނަކާއި، 14 މަހުގެ ތުއްތު ކުއްޖަކު ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ