މާދަމާ އިން ފެށިގެން ސުޕްރީމް ކޯޓު ރިސެސް އަށް ދާން ނިންމައިފި

ސުޕްރީމް ކޯޓު ރިސެސް އަށް ދާން ނިންމައިފި އެވެ.
ސުޕްރީމް ކޯޓު ރިސެސްއަށް ދިއުމަށް ހަމަޖެހިފައިވަނީ މާދަމާ އިން ފެށިގެން ކުރިއަށް އޮތް ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
ސުޕްރީމް ކޯޓު ރިސެސްގައި އޮންނަ މުއްދަތުގައި ޝަރީއަތުގެ އަޑުއެހުމެއް ނުބޭއްވި ކަމުގައިވީ ނަމަވެސް ކޯޓަށް މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ރިސެސްގެ ދުވަސްވަރުގައި ވެސް މެދުކެނޑިގެން ނުދާނެ ކަމަށް ސުޕްރީމް ކޯޓުން ބުނެ އެވެ.
ޝަރުއީ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓު މާދަމާ ރިސެސްދާއިރު ޖުވެނައިލް ކޯޓާއި ސިވިލް ކޯޓު މިހާރު ވެސް އޮތީ ރިސެސްގަ އެވެ. މިދެ ކޯޓުގެ ރިސެސް ނިމޭނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. ނަމަވެސް ސިވިލް ކޯޓުގައި ޝަރީއަތްތައް ބާއްވާ ބައެއް މައްސަލަތައް ދަނީ ރިސެސްގެ މުއްދަތުގައިވެސް ހިންގަމުންނެވެ.
ހައިކޯޓާއި ކްރިމިނަލް ކޯޓުގެ ރިސެސް އަދި ފަށާފައެއް ނުވެ އެވެ.
ކޯޓު ތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ ތެރޭގައި ކޯޓުތަކަށް ރިސެސްއަށް ދެވިދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ