ޓޫރިޒަމުން ވަންނަ ފައިސާ ގިނަ، ލިބޭ ފައިސާ މަދު!

ރާއްޖޭގެ ޓޫރިޒަމް ސިނާއަތަކީ ރާއްޖޭގެ އިގްތިސޯދުގެ މައި ތަނބެވެ. ހަމަ ގައިމު ވެސް ގައުމަށް އެންމެ ގިނަ ލާރި ވަންނަ އެއް ސިނާއަތަކީމި އެވެ. ޓޫރިޒަމް ސިނާއަތުން ދައުލަތުގެ އާމްދަނީއަށް މިދިޔަ އަހަރު 3.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެހެންވެ، އަބަދުގެ ވިސްނުމަކީ މި ސިނާއަތު ދިރުވުމެވެ. މި ސިނާއަތުގެ ވެރިން ރުއްސުމެވެ. ނަމަވެސް ހަގީގަތަކީ މި އެވެ. ޓޫރިޒަމުން އިގްތިސޯދަށް ވަންނަ ފައިސާ ގިނަ ނަމަވެސް، ލިބޭ ފައިސާ ނިސްބަތުން މަދެވެ. އެކަން ވަނީ އިގްތިސޯދީ ސިނާއަތުގައި މަސައްކަތް ކުރައްވާ ބޭފުޅުން ވެސް ވިދާޅުވަމުންނެވެ.
"ޓޫރިޒަމް ސިނާއަތަށްވުރެ އާއްމު ރައްޔިތުން މީހާއަށް ނަފާ ބޮޑީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން. އެހެންވެ، ވިސްނުން ބަދަލުކޮށް، މި ދާއިރާ ވަރަށް ބޮޑަށް ރަނގަޅު ކުރަން ޖެހޭ،" ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަސް ފާހަގަ ކުރަން، ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޮޔާސް (އެންއެފްއެމްއީ) އިން ހޮނިހިރު ދުވަހު ބޭއްވި ވެބިނާގައި އިގްތިސޯދީ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް ވިދާޅުވި އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިދިޔަ އަހަރުކޮށްފައިވާ "އެމްޕޮއިމަންޓް އިން ޓޫރިސްޓް ރިސޯޓް ސާވޭ 2019" ސާވޭއިން ދެއްކި ގޮތުގައި ދެއްކި ގޮތުގައި ޓޫރިޒަމް ސިނާއަތުގައި މިދިޔަ އަހަރާހަމަ އަށް ޖުމްލަ 44،957 މުވައްޒަފުން މަސައްކަތް ކުރަމުން ދިޔަ އެވެ. މީގެ ތެރޭގައި ހިމެނެނީ 21،322 ދިވެހިންނާއި 32،622 ބިދޭސީންނެވެ. އަދި މި ސިނާއަތުގައި މަސައްކަތް ކުރާ މަތީ ފަންތީގެ ވަޒީފާތަކުގައި ގިނައިން ތިބީ ބިދޭސީންނެވެ.
ނަފާ ވިދާޅުވި ގޮތުގައި ކުރިން ހީވެފައިއޮތީ އިގްތިސޯދަށް އެންމެ ބޮޑު ކޮންޓްރިބިއުޝަންއެއް ކުރަނީ ބޮޑެތި ވިޔަފާރި ތަކުން ކަމަށާ ހާއްސަކޮށް ޓޫރިޒަމް ވިޔަފާރިން ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫން ކަމަށާ ޓޫރިޒަމް ވިޔަފާރި ތަކުން އިގްތިސޯދަށް ކުރާ ހިއްސާއަށް ވުރެ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކުން ކުރާ ހިއްސާ މާބޮޑު ކަމަށެވެ.
މާލެ އަތޮޅު ކޮށްދިއްޕަރު ރިސޯޓް
"ސްޕްރެޑަށް ބަލާނަމަ ރާއްޖޭގެ ޖަޒީރާ ރައްތަކުގައި ގިނަ ވަނީ ކުދި ވިޔަފާރިތައް، ބޮޑެތި ވިޔަފާރިވެރިންނެއް ނުތިބޭނެ. ދެން އޮތް ކަމަކީ އިންޓާމްސް އޮފް އިންކަމް، ޓޫރިޒަމުން ރާއްޖެ އަށް ވަންނަ ލާރި އެހެން ހުރިހާ ކަންކަމަށް ވުރެ ގިނަ. އެކަމަކު ލިބޭ ލާރި ގިނައެއް ނުވާނެ. އެއީ ކީއްވެގެން ތޯ؟،" ނަސީމް ވިދާޅުވި އެވެ. "ޓޫރިޒަމުން ވަންނަ ލާރީގެ ބޮޑުބައި ދާނީ ބޭރަށް. ފައިދާގެ ގޮތުގަޔާއި އެހެނިހެން ގޮތް ގޮތުން. ބޭރު މީހުން ވެސް ގިނައިން އުޅެނީ އެ ދާއިރާގަ. އެހެންވެ، އިންކަމް ވައިސް ވެސް އެއީ އަހަރެމެންނަށް ހީވެފައި އޮންނަ ކުއް ހީއެއް."
ރާއްޖޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ހާއްސަ ގާނޫނެއް އޮވެ އެވެ. މި ގާނޫގައި އެންމެ ކުދި ވިޔަފާރި އާއި ކުދި އަދި މެދުފަންތީގެ ވިޔަފާރި އަދި މެދު ފަންތީގެ ވިޔަފާރި ތަފްސީލްކޮށް ބުނެދީފައިވެ އެވެ. އެންމެ ކުދި ފަންތީގެ ވިޔަފާރިއަކީ ޒީފާ އަދާކުރާ މުވައްޒަފުންގެ އަދަދު ހަ އަކަށްވުރެ މަދު، އަދި އަހަރެއްގެ މައްޗަށް 500،000ރ. އަށް ވުރެ ޖުމްލަ އާމްދަނީ އިތުރު ނުވާ ވިޔަފާރި ތަކެވެ. ކުދި ފަންތީގެ ވިޔަފާރިއަކީ ވަޒީފާ އަދާކުރާ މުވައްޒަފުންގެ އަދަދު 30 އަކަށްވުރެ މަދު، އަދި އަހަރެއްގެ މައްޗަށް 500،001ރ. އާއި ފަސް މިލިއަން ރުފިޔާ ޖުމްލަ އާމްދަނީއެއް އަހަރަކު ލިބޭ ވިޔަފާރި ތަކެވެ. އަދި މެދު ފަންތީގެ ވިޔަފާރި ތަކަކީ މުވައްޒަފުންގެ އަދަދު 31 އާއި 100 އާ ދެމެދުގެ މީހުން މަސައްކަތް ކުރާ، އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީ 500،001ރ. އާއި 20 މިލިއަން ރުފިޔާގެ ޖުމްލަ އާމްދަނީއެއް އަހަރަކު ލިބޭ ވިޔަފާރި ތަކެވެ.
މި ކެޓަގަރީގެ ވިޔަފާރިތަކުގައި އާއިލާތަކާއި ދެ މީހަކު އެއްކޮށް ގުޅިގެން ކޮށްލާ ކުދި ވިޔަފާރިތައް ގިނަ އެވެ. ނަމަވެސް މި ކެޓަގަރީގެ ވިޔަފާރިތަކުގެ ބާރު ދިވެހިންގެ އަތްމަތިން ދިއުމުގެ ބިރު މިހާރު ވަނީ ހީވެފަ އެވެ. އެއީ ބިދޭސީންގެ ގިނަ ބަޔަކު އެސްއެމްއީ ސެކްޓާގައި މަސައްކަތް ކުރުމެވެ.
ރާއްޖޭގައި އެސްއެމްއީ ސިނާއަތަށް ނިމިދިޔަ ސަރުކާރުތަކުންނާއި މި ސަރުކާރުން ވެސް ގިނަ "އެހީ" ތަކެއް ދީފައިވެ އެވެ. ނިމިދިޔަ ސަރުކާރުން "ގެޓްސެޓް" ގެ ނަމުގައި ލޯނު ތަކެއް ދިނެވެ. އަދި މި ސަރުކާރުން ވަނީ "އެސްއެމްއީ" ބޭންކްގެ ނަމުގައި ބޭންކެއް ހަދައި ލޯނު ދެމުންނެވެ. ނަމަވެސް މި ވިޔަފާރި އަށް ދިމާވެފައިވާ ހަގީގީ މައްސަލައަކީ މިފަދަ ވިޔަފާރިތައް ނުދެމެ ހެއްޓުމެވެ. އާއްމުކޮށް މިފަދަ ވިޔަފާރި އަށް ލޯނު ދިން ނަމަވެސް ސަލާމަތްވެފައި ވަނީ މަދު ވިޔަފާރި އެކެވެ. އެހެންވެ، ސަރުކާރުން ވަނީ މިފަދަ ވިޔަފާރިތައް ދެމެހެއްޓޭނެ ޕްލޭން ތަކެއް ހަދަމުންނެވެ.
ކުދި ވިޔަފާރިތަކުން އިގްތިސޯދަށް ލިބޭ ފައިސާ ދައުރުވާނީ ރާއްޖޭގަ އެވެ. ނަމަވެސް ޓޫރިޒަމުން ލިބޭ ފައިސާގެ ބޮޑުބައި ދަނީ ބޭރަށެވެ. އަދި ޓޫރިޒަމުން ވަންނަ ލާރި ގިނަ ނަމަވެސް، ލިބޭ ލާރި މަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ