އާތިފާ އިސްތިއުފާ ދެއްވުމަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެއް: މައުމޫން

ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރުގެ މަގާމުން އައިމިނަތު އާތިފާ ޝުކޫރު އިސްތިއުފާ ދެއްވުމަކީ ގައުމަށް ލިބިގެން ދިޔަ ބޮޑު ގެއްލުމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. މި ސަރުކާރުގެ ފުރަތަމަ ހައުސިން މިނިސްޓަރުގެ މަގާމަށް އާތިފާ އައްޔަނު ކޮށްފައިވަނީ ރައީސް މައުމޫންގެ މޯލްޑިވިސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ސްލޮޓެއްގަ އެވެ. ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އާތިފާ އަކީ ހިތްވަރު ގަދަކަމާއި އިހްލާސްތެރިކަމުގެ ނަމޫނާއެއް ކަމަށާއި އެކަމަނާ ރައްޔިތުންނަށް ހިދުމަތްކޮށްދެއްވީ ތެދުވެރިކަމާއި އެކު ކަމަށެވެ. އަދި އާތިފާ އެ މަގާމުން އިސްތިއުފާ ދެއްވުމަކީ ގައުމަށް ލިބިގެންދިޔަ ބޮޑު ގެއްލުމެއް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ. ރައީސް މައުމޫން ވަނީ އާތިފާއަށް ފުރިހަމަ ސިއްހަތާއި ކާމިޔާބު ލިބުމަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ. އެ މަގާމުން އާތިފާ އިސްތިއުފާ ދެއްވާފައިވަނީ އިއްޔެ އެވެ. އެއީ ސިއްހީ ސަބަބުތަކަށްކަށްޓަކައި ކަމަށް ވަނީ ވިދާޅުވެފަ އެވެ. ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ހައުސިން މިނިސްޓްރީ އުވާލައްވާފަ އެވެ. އެ މިނިސްޓްރީގެ މަސައްކަތްތައް ބަދަލުކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީގެ ދަށަށެވެ. ރައީސް އޮފީހުން ބުނީ ހައުސިން މިނިސްޓްރީ އުވާލުމަށް ފަހު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ ގެ ނަން "މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ"ގެ ނަމަށް ރައީސް ސޯލިހު މިއަދު ބަދަލުކުރައްވާފައިވާ ކަމަށެވެ. ރައީސް އޮފީހުން ބުނީ ހައުސިން މިނިސްޓްރީއިން ދެމުން ދިޔަ ހުރިހާ ހިދުމަތެއް ދެމުން ދާނީ ޕްލޭނިން މިނިސްޓްރީއިން ކަމަށެވެ. އަދި ހައުސިން މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ވެސް ޕްލޭނިން މިނިސްޓްރީއަށް ބަދަލުކުރަން ވެސް ރައީސް ނިންމަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ