ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފައްދަން ޖެހިވަޑައިގެންނެވީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ކަމަށް ޕީޕީއެމް އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައި ބާއްވާ އެ ޕާޓީގެ ފުރަތަމަ ގައުމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމު ވަނީ ރައީސް ނަޝީދުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފަ އެވެ.
ނަޝީދުގެ ސަރުކާރުން ގައުމުގެ ވެރިކަން ކުރެއްވި ގޮތަށް ފާޑު ވިދާޅުވަމުން އެމަނިކުފާނު ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުން ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ޚިލާފަށް އަމަލު ކުރައްވާފައިވާ ކަމަށާއި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ މާތްވެގެންވާ އިސްލާމް ދީނާއި ގައުމިއްޔަތައް އުނިކަން ލިބޭ ފަދަ އެތައް ކަމެއް ހިންގާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުގައި ރާއްޖޭގެ އިގްތިސޯދު ފުންވަޅުގަނޑަކަށް ވެއްޓި މުޖުތަމައުގައި ތަފާތު ކުށްތައް އިތުރުވެގެން ގޮސް ރާއްޖޭގެ އަމަން އަމާންކަން ވެސް ގެއްލިގެން ދިޔަ ކަމަށެވެ.
"ޕީޕީއެމް އުފައްދަން ޖެހުނީ ވަރަށް މުހިއްމު ސަބަބަކާ ހުރެ. އޭއީ އޭރު އޮތް ސަރުކާރުން ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ޚިލާފަށް އަމަލު ކުރެއްވުމާއި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމާއި ރާއްޖޭގެ ގައުމިއްޔަތާއި އިސްލާމް ދީނަށް އުނިކަން އަންނަ ގޮތަށް ކަންތައްތައް ހިނގަމުން ދިއުމާއި އަދި ރާއްޖޭގެ އިގްތިސޯދު ވަރަށް ފުން ވަޅުގަނޑަކަށް ވެއްޓުމާއި އެކި ގޮތްގޮތުން ރާއްޖޭގައި ކުށްކުރުން އިތުރު ވުމާއި އަމަން އަމާންކަން ގެއްލުމާއި މި ހުރިހާ ކަމެއްވެސް ހިނގަމުން ދިޔައީ އޭރު އޮތް ސަރުކާރުގެ ޒިންމާދާރުކަން ކުޑަކަމުން،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ 2011 އަހަރުގެ ފަހުކޮޅުން ފެށިގެން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ފަހުކޮޅާ ހަމައަށް ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ރައްޔިތުން ބޭއްވި ހުރިހާ މުޒާހަރާތަކުގައި ވެސް ޕީޕީއެމުން ބޮޑު ހިއްސާއެއް އަދާކޮށްފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ ނަޝީދު އަމިއްލަފުޅަށް ރައީސް ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ޑރ. މުހައްމަދު ވަހީދު ހަސަން ގާނޫނީ ހަމަތަކުގެ މަތިން ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އުފެއްދެވި އިއްތިހާދީ ސަރުކާރުގައި ވެސް ޕީޕީއެމް އިސްދައުރެއް އަދާކުރަމުން އަންނަ ކަމަށެވެ.
މައުމޫން ވިދާޅުވީ ދިވެހިން ތަހައްމަލު ކުރަމުން ދިޔަ ވޭންތަކާއި ދަތިތަކުން ސަލާމަތްވެ ހިންދެމިލާނެ ފުރުސަތު ލިބިފައި މިވަނީ އެ ޕާޓީގެ ފަރާތުން މަޖިލީހުގެ އެތެރެ އާއި ބޭރުގައި ކުރަމުން ގެންދިޔަ ބުރަ މަސައްކަތުން ކަމަށެވެ.
ކުރީގެ ރައީސް ވިދާޅުވީ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ފަހަތުގައި ވެސް ސިޔާސީ ރޭވުންތަކެއް ހިމެނިފައިވާކަން މިއަދު އެންމެން ގަބޫލު ކުރާ ކަމަށެވެ. އެފަދަ ބިރުވެރި ޖަރީމާތަކަކީ އެއްވެސް މީހަކު ދެކެން ބޭނުންވާނެ ތަނެއް ނޫން ކަމަށާއި ޕީޕީއެމްގެ ވެރިކަމެއްގައި މާރާމާރީ އާއި މީހުން މެރުމަށް އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ. އަދި މީހުންނަށް އެކި ގޮތްގޮތުން ގެއްލުންދީ ހަލާކުގެ ތެރެއަށް ވައްޓާލަން ވެސް އެ ޕާޓީން މަސައްކަތް ނުކުރާނެ ކަމަށެވެ.
"ޑރ. އަފްރީޝީމް އަވަހާރަ ކޮށްލުމުގެ ފަހަތުގައި ވެސް ސިޔާސީ ރޭވުންތަކެއް ހިމެނިފައިވާކަން މިހާރު އެންމެން ދަނޭ. މިއީ ރާއްޖެ ދެކެން ބޭނުންވާ ތަނެއް ނޫން. ރާއްޖޭގެ ސިޔާސީ މާހައުލުގައި މާރާމާރީ ހިންގުމަކަށް، މީހުން މެރުމަކަށް، މީހުންނަށް އެކި ގޮތްގޮތުން ގެއްލުން ދިނުމަކަށް އަޅުގަނޑުމެންގެ ޕާޓީ ތަނެއް ނުދޭނެ،" މައުމޫން ވިދާޅުވި އެވެ.
މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ ކޮންގްރެސް މިއަދު ހެނދުނު ފަށާފައިވާ އިރު އެ ޖަލްސާގެ ރިޔާސަރު ބަލަހައްޓަ ވަނީ ސީނާ އަހްމަދު ޒާހިރު އެވެ. ކޮންގްރެސްގެ އެޖެންޑާގައި މިއަދު އޮތީ އެ ޕާޓީގެ އަސާސީ ގަވާއިދަށް ގެންނަން ޖެހޭ އިސްލާހުގެނައުމެވެ. އަދި މާދަމާ އާއި ހޮނިހިރު ދުވަހު އެޖެންޑާގައި އޮތީ މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރުމަށް ވޯޓް ލުމެވެ. އަދި ވޯޓްތަކުގެ ވަގުތީ ނަތީޖާ އިއުލާން ކުރާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
ޕީޕީއެމް އުފައްދަން ޖެހުނީ ނަޝީދުގެ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ