ގަދަބާރުން ހައްގުތައް ނިގުޅައިގަންނަތަން ބަލަން ރައްޔިތުން ނުތިބޭނެ - އިލްޔާސް

ގަދަބާރުން ހައްގުތައް ނިގުޅައިގަންނަތަން ބަލަން ރައްޔިތުން ނުތިބޭނެ ކަމަށް ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން އަނިޔާވެރިކަމާއި ހިޔާނާތާއި އަޅުވެތިކަމާއި ދެކޮޅަށް ވަރަށް ސާފުކޮށް ނޫނެކޭ ބުނެފައިވާ ކަމަށެވެ.
"އެހެން ކަމުން ރައްޔިތުން ނޫނެރކޭ ބުނީމަ ގަދަބާރުން ނުފޫޒުބޭނުންކޮށްގެން ހައްގުތައް ނިގުޅައިގަންނަތަން ބަލަން ރައްޔިތުން ނުތިބޭނެ " ކަމަށް އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް މިހެން ވިދާޅުވެފައިވާއިރު އިންތިހާބުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ރިޔާސީ އިންތިހާބު ބާތިލްކުރަން ހުށަހެޅި މައްސަލަ ވަނީ މިއަދު މެންދުރު ސުޕްރީމް ކޯޓްގައި ޝެޑިއުލްކޮށްފައެވެ. މި މައްސަލައިގައި ރައީސް ޔާމީން އެދިވަޑައިގެންފައި ވަނީ ދުސްތޫރީ އުސޫލުތަކާ ހިލާފަށް އިންތިހާބުގެ ތެރޭގައި ކަންތައްތަކެއް ހިންގާފައި ވާތީ ރިޔާސީ އިންތިހާބު ބާތިލްކޮށް ދިނުމަށެވެ.
ޕީޕީއެމް އިން މި މައްސަލަ ކޯޓަށް ވެއްދީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.
ޕީޕީއެމް އިން ބުނިގޮތުގައި ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ