ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ބަލިވާ ކެންޑިޑޭޓުން އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް އޮންނަ ގާނޫނީ މާއްދާ އުވާލަން އެދި ސުޕްރީމް ކޯޓަށް މައްސަލަ ވައްދާނެ ކަމަށް، އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ބަލިވެވަޑައިގެންނެވި އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ކާށިދޫ ދާއިރާގެ ޕްރައިމަރީން ބަލިވެވެޑައިގެންނެވި ޖާބިރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަމިއްލަ ގޮތުން ކާށިދޫ ދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އަދި ޕްރައިމަރީން ބަލިވާ ފަރާތްތަކުން އިންތިހާބުގައި ވާދަކުރަން މަނާކޮށްފައިވާ ގާނޫނީ މާއްދާ ގާނޫނު އަސާސީއާ ހިލާފު ކަމަށް ޖާބިރު ވިދާޅުވިއެވެ.
"އެ ކަން ބަދަލު ކުރަން ސުޕްރީމް ކޯޓަށް ދާނަން. ކާށިދޫ ދާއިރާގެ ރައްޔިތުން މާޔޫސްވިޔަ ނުދޭނަން،" މީގެ ކުރިން ކާށިދޫ ދާއިރާގެ މެންބަރު ކަން ކުރެއްވި ޖާބިރު ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތަކުގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތަށް މަޖިލީހުން ފާސްކުރީ ނޮވެމްބަރު 23، 2016 ގައެވެ. އެއިރުގެ ވެރިކަން ކުރާ ޕީޕީއެމްގެ ތާއީދުން ފާސްވި އެ ގާނޫނީ މާއްދާ، އެއިރުގެ ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވީ ޑިސެމްބަރު 6، 2016 ގައެވެ.
ނަމަވެސް އެ އިސްލާހު ބާތިލު ކުރަން ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފު މުހައްމަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ. އެ މައްސަލަ މަޖިލީހުން ބަލައިގަނެ، މައްސަލަ އޮތީ ކޮމިޓީ މަރުހަލާގައެވެ.
އެމްޑީޕީގެ ޕްރައިމަރީއަށްފަހު، މެންބަރު ލަތީފު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީން ބަލިވި ކެންޑިޑޭޓުން މާޔޫސްވާން ނުޖެހޭ ކަމަށާއި، އޭނާ ހުށަހެޅުއްވި ބިލު މަޖިލީހުން ފާސްކުރުމުން އެ ފަރާތްތަކަށް މަޖިލިސް އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށެވެ.
ޕްރައިމަރީގައި ބަލިވުމުން އިންތިހާބުގައި ވާދަނުކުރެވޭ މާއްދާ އުވާލަން ޖާބިރު ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ