ކާނަލް ނާޒިމަކީ ވަޒީރުކަމަށް އެންމެ ގާބިލް އެއް ބޭފުޅާ: ގާސިމް

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމަކީ ވަޒީރުކަމަށް އެންމެ ގާބިލް އެއް ބޭފުޅާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކާނަލް ނާޒިމް ޖޭޕީއަށް ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ޖޭޕީގައި ވަރަށް ގާބިލް، ތަޖުރިބާ ހުރި ބޭފުޅުން ތިއްބެވި ކަމަށާއި އެ ހުރިހާ ބޭފުޅުންނަށް ވަޒީރުކަން ނުލިބިދާނެ ކަމަށެވެ. އެހެންނަމަވެސް އޭގެ ތެރޭގައި ކާނަލް ނާޒިމް ނުހިމެނެންވީ ސަބަބެއް ނެތް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
"މިދެންނެވީ ހުރިހާ ބޭފުޅުންނަކަށް މިނިސްޓަރުކަމުގެ މަގާމެއް ނުލިބޭނެއޭ. ކާނަލް ނާޒިމް އޭގެ ތެރޭގައި ނުހިމެނެންވީ ސަބަބެއް ނެތް. އަޅުގަނޑު ދަންނަވާނީ އެބޭފުޅާ މިހާތަނަށް ދައްކަވާފައިވާ ސާބިތުކަމާއި ޕާފޯމަންސަށް ބަލާ ކަމަށްވަންޏާ، އެމަނިކުފާނަކީ އެންމެ ގާބިލް އެއް ބޭފުޅާ. ކާނަލް ނާޒިމް ބޭނުންފުޅުވެގެން އެކަހަލަ ވާހަކައެއް އަޅުގަނޑު ކައިރީ ދަންނަވާފައެއް ވެސް ނެތް،" އޭނާ ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިމެނޭ ސިޔާސީ މަގާމުތަކުގެ އަދަދުތައް އަދި ނުނިންމަވާ ކަމަށާއި މިނިސްޓްރީތަކުގެ އަދަދުތައް ކުޑަކޮށް އިތުރުވެގެންދިޔަ ނަމަވެސް ސިޔާސީ މަގާމުތަކަށް ކުރައްވާ ހަރަދު ވަރަށް ބޮޑުތަން ކުޑަކުރެއްވުމުގެ ވިސްނުންފުޅު އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މާދަމާއާ ހަމައަށް އަޅުގަނޑުމެންނަށް އަދަދުތައް ފައިނަލްވެގެން ލިސްޓު ލިބޭނެ ކަމަށް. އަޅުގަނޑުމެންގެ ތެރެއިން ރައީސް މައުމޫން އަދި މާލެ ވަޑައިގެން ނެތް. މިމަހުގެ 14 ވަނަ ދުވަހު ވަޑައިގަންނަވާނެ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އޮތީ. އެހެންވީމާ 14 ވަނަ ދުވަހު ބައްދަލުވުމެއް ބާއްވާފައި އެކަން ފައިނަލް ވެގެންދާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ ޕާޓީތަކަށް ލިބޭނީ ކޮންކޮން މިނިސްޓްރީތަކެއްކަން ކޮންމެވެސް ވަރަކަށް އިހުސާސްކުރެވޭ ކަމަށާއި އެހެންނަމަވެސް އެކަންތައް އަދި މުޅިން ނުނިންމާތީ އެއީ ކޮން މިނިސްޓްރީތަކެއް ކަމެއް ދެންނެވެން ނެތް ކަމަށެވެ. އަދި އެ މިނިސްޓްރީތައް އެނގުނީމަ ކައުންސިލްގެ ލަފާގެ މަތިން އެންމެ އެކަށޭނެ ބޭފުޅުން އެ މިނިސްޓްރީތަކަށް އައްޔަންކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ