ޕީޕީއެމުން މޯލްޑިވިއަނަށް ދަރާފައިވާ ފައިސާ 15 ދުވަސް ތެރޭގައި ދެއްކުމަށް ހުކުމް ކޮށްފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މޯލްޑިވިއަނަށް ދަރާފައި އޮތް 3.8 މިލިއަން ރުފިޔާ 15 ދުވަސް ތެރޭގައި ދެއްކުމަށް އެޕާޓީގެ މައްޗަށް ހުކުމް ކޮށްފިއެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ މޯލްޑިވިއަންއަނުން ހޯދުމަށް ދައުވާ ކުރާ 3.8 މިލިއަން ރުފިޔާއަކީ ޕީޕީއެމުން މޯލްޑިވިއަނަށް ދަރަނިވެރިވެފައިވާ ފައިސާކަމަށް އެޕާޓީން އިއުތިރާފުވެފައިވާ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ދޭ ފައިސާ ދިން އިރުގައި ޕީޕީއެމްގެ ފައިސާ ހިފަހައްޓާފައި ވާތީ ދަރަނި އަދާ ކުރުމަށް ދަތިވާ ކަމަށްބުނެ ފައިސާ ދެއްކުން ލަސްކޮށްދިނުމަށް ޕީޕީއެމުން އެދިފައިވާ ކަމަށެވެ.
އެހެންނަމަވެސް މޯލްޑިވިއަނުން ބުނެފައި ވަނީ އެކުންފުންޏަކީ ލިބޭ އާމްދަނީއަށް ބަރޯސާވެ ރައްޔިތުންނަށް ބޮޑު ހިދުމަތެއް ކޮށްދެމުންދާ ގައުމީ ބޮޑު ކުންފުންޏަކަށް ވުމުން އެ ކުންފުންޏަށް ލިބެންވާ ފައިސާ ނުލިބިވާނަމަ އެ ކުންފުންޏަށް ބޮޑެތި ދަތިތަކަކާއި ކުރިމަތިލާން ޖެހެނެ ކަމަށެވެ. އެހެންކަމުން ދަރަނީގެ ފައިސާ ދެއްކުން ފަސް ކުރެވެން ނެތް ކަމަށް ބުނެ ކޯޓުން ވަނީ އެފައިސާ ދެއްކުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
ރައީސް ޔާމީން ޕާޓީގެ ލީޑަރު ކަމުގައި ހުންނަވާ ޕީޕީއެމުން ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރުގައި ރައީސް ޔާމީނުގެ ކެމްޕޭން ދަތުރުތައްކޮށް ވަނީ މޯލްޑިވިއަނަށް 4.8 ރުފިޔާއަށް ދަރާފައެވެ. ރައީސް ޔާމީނަށް އިންތިހާބު ނާކާމިޔާބު ވުމަށް ފަހު ދަރަނިވެރިވެފައިވާ ފައިސާގެ ވާހަތައް ފެންމަތިވުމުން އެޕާޓީން ވަނީ އޭގެ ތެރެއިން އެއް މިލިއަން ރުފިޔާ އަދާކޮށްފައެވެ.
އެހެންނަމަވެސް ބާކީ 3.8 މިލިއަން ރުފިޔާ ނުދައްކައި ދިގުލައިގެން ދާތީ މޯލްޑިވިއަނުން ވަނީ އެފައިސާ އަނބުރާ ހޯދުމަށް ޝަރީއަތަަށް މައްސަލަ ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ