ނޮވެމްބަރު ތިނެއްގެ މަތިވެރި ޖިހާދަކީ ފަހުގެ ތާރީހެއްގައި ދިވެހި ގައުމުގެ މިނިވަންކަމަށްޓަކައި ކުރެވުނު އެންމެ ވަރުގަދަ ހަނގުރާމަ ކަމަށާއި ޓެރަރިސްޓުންގެ ބަޔަކު އެ ދުވަހު ހިންގި އަނިޔާވެރި އަމަލުތަކަކީ ދިވެހި ތާރީހުން ދުވަހަކުވެސް ފޮހެވިގެންދާނެ ދާނެ އަމަލުތަކެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ކަންވެސް ކުރައްވަމުން ގެންދަވާ ގާސިމް އިބްރާހީމް މިހެން ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާއަށް މިއަދު 30 އަހަރުފުރުމާ ގުޅިގެން ވީމީޑިއާ ގުރޫޕްގެ ދަށުން ހިންގަމުން ގެންދާ 'މިއަދު' ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ މާލޭގައި މީހުން ނިދާފައި ތިއްބާ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ކުއްލި ގޮތަކަށް ޓެރަރިސްޓުންގެ ބަޔަކު ސިއްރުން މާލެ އަރައި ހިންގި އަނިޔާވެރި އަމަލުތައް ދުވަހަކުވެސް ދިވެހި ތާރީހުން ފޮހެވިގެން ނުދާނެ ކަމަށެވެ. ހަމައެއާއެކު ޓެރަރިސްޓުންނާ ކުރިމަތިލައި ދިވެހި ސިފައިން އެ ދުވަހު ކޮށްފައިވާ މަތިވެރި ޖިހާދަކީ ފަހުގެ ތާރީހެއްގައި ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއުކޮށް ހިމާޔަތްކުރަން ކުރެވުނު އެންމެ ވަރުގަދަ ހަނގުރާމަ ކަމަށެވެ.
ނޮވެމްބަރު ތިނެއްގެ ޖިހާދުގައި ހިތާއި ރޫހުން ދިވެހި ރައްޔިތުން ބައިވެރިވެފައިވާ ކަން ފާހަގަކުރައްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ނޮވެމްބަރު ތިނެއްގައިވެސް އަދި މިއަދުވެސް ދިވެހި ގައުމުގެ ހަގީގީ ބަތަލުންނަކީ ދިވެހި ރައްޔިތުން ކަމަށެވެ. އެހެންކަމުން އެމަނިކުފާނު ވަނީ ދިވެހި ގައުމުގެ މިނިވަންކަމަށްޓަކައި ދިވެހި ރައްޔިތުން އަބަދުވެސް ސާބިތުވެ ތިއްބެވުމަށާއި، ގުޑުވާ ނުލެވޭ ފަދަ ވަރުގަދަ އަޒުމެއްގައި ކުރިއަށް ދިއުމަށް ހިތްވަރުވެސް ދެއްވާފަ އެވެ.
"ހަމަލާތައް ބަދަލުކުރެވެމުން ދިއައީ މާލޭގަ އެކަނި. އެއް ބައަކު މަގުތަކަށް ނުކުމެ އެއްވެސް ބިރެއް ނެތި އަނިޔާ ލިބޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔައީ. ރައްޔިތުންގެ ހިމާޔަތުގައި އެމީހަކަށް ކުރެވުނުހައި ކަމެއް ކޮށްދެމުން ދިޔައީ. ބިރުކަނޑާލާފައި ނުކުމެ މައުލޫމާތު ހޯދައި ސިފައިންނަށް ފޯރުކޮށްދެމުން ގެންދިޔައީ. ސިފައިން ދިޔައީ ވަރުބަލިކަމެއް ނެތި ހަމަލާދީ ޖިހާދުކުރަމުން. މާލެ އާއި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުން ދިއައީ ގައުމު ސަލާމަތްކޮށްދެއްވުން އެދި ﷲ އަށް ދުއާ ކުރަމުން. އެހެންވީމާ މިޖިހާދުގައި އެމީހަކަށް ބައިވެރިވެވުނު ގޮތަކަށް، ބައިވެރިނުވާ ހަމަ އެކަކުވެސް ހުރި ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން." ކުރިން ހޯމް މިނިސްޓަރު ކަންވެސް ކުރައްވާފައިވާ ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހަކީ ދިވެހިންގެ އެއްބައިވަންތަކަން އެންމެ ފުރިހަމަ ގޮތުގައި ދައްކައިދީފައިވާ ދުވަހެއް ކަމަށެވެ. އަދި އެ ދުވަހު ދިވެހިން ވަނީ މުޅި ދުނިޔެއަށް ވަރަށް ފުރިހަމަ ނަމޫނާއެއް ދައްކައިދީފައި ކަމަށްވެސް ވިދާޅުވި އެވެ.
"ޓެރަރިސްޓުން އެހައި ފަސޭހައިން ބަލިވީ އެންމެ ބޮޑު އެއްސަބަބަކީ އެދުވަހު އެމީހުންނާ ބައިވެރިވި މަދު ދިވެއްސަކު ފިޔަވާ އެމީހުންނާ ބައިވެރިވާނެ އެހީތެރިވާނެ ހަމަ އެންމެ ދިވެއްސަކު ވެސް ނުވުން. މިއީ މިބާވަތުގެ ކަމެއްގައި ދުނިޔޭގެ އެއްވެސް ގައުމަކުން ފެނިފައިވާ ކަމެއް ނޫން. އަދި ފެނިދާނެ ކަމެއް ކަމަށް ބެލެވޭކަށްވެސް ނެތް މިހާރު ކަންކަން ފެންނަމުން މިދާ ގޮތުން،" ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
ސަރުކާރާ ހިޔާލު ތަފާތުވާ މީހުން ކޮންމެ ގައުމަކުވެސް ތިބޭނެ ކަން ފާހަގަކުރައްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހުވެސް އެފަދަ މީހުން ރާއްޖޭގައި ތިބޭނެ ކަމަށެވެ. އެހެންނަމަވެސް އެފަަދަ ހިޔާލުތަފާތުވުންތައް އެދުވަހު ދިވެހި ރައްޔިތުން ދޫކޮށްލީ ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލާއި މާތްވެގެންވާ އިސްލާމް ދީނުގެ ހައްގުގައި ކަމަށްވެސް ވިދާޅުވި އެވެ.
"މިއީ މިދެންނެވި އެއްބައިވަންތަކަމުގެ ފުރިހަމަ ނަމޫނާ. އެދުވަހު ޝަހީދުވި އެންމެންގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރެއްވެވުން އެދި ދުއާކުރަން. ޝަހީދުންގެ އާއިލާތަކަށާއި އަނިޔާ ލިބުނު އާއިލާތަކަށް ކެތްތެރިކަން ދެއްވެވުން އެދި ދުއާކުރަން،" ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލައާއި ގުޅިގެން ދިވެހި ގައުމުގެ މިނިވަންކަން ހިފަހައްޓައިދީ، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިންޑިއާގެ އެއިރުގެ ސަރުކާރުން ދިން ހާއްސަ ސަމާލުކަން ފާހަގަކުރައްވާ ގާސިމް އިބްރާހީމް ވަނީ އިންޑިއާ ސަރުކާރާއި އިންޑިއާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
ނޮވެމްބަރު ތިނެއްގެ ހަނގުރާމައަކީ އެންމެ ވަރުގަދަ ގައުމީ ޖިހާދު: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ