މައުމޫން ގެއަށް ބަދަލުކޮށްދިނުމަށް މަހުލޫފް ގޮވާލައިފި

ޖަލުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގެއަށް ބަދަލުކޮށްދިނުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ގޮވާލައިފިއެވެ.
ރައީސް މައުމޫން ގެއަށް ބަދަލުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ދަށުން ހިންގާ މެޑިކަލް ބޯޑުން ނިންމާފައިވާ ކަމަށް ބުނާއިރު ރައީސް މައުމޫންގެ އާއިލީ ބޭފުޅުން މިއަދު ވަނީ އެކަމާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ކަރެކްޝަނަލް ސާވިސްގެ އިސްވެރިންނާއި ބައްދަލުކުރުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަން އެ ފަރާތްތަކަށް ކާމިޔާބު ވެފައެއް ނުވެއެވެ.
ކަރެކްޝަންސްގެ ބޭރުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ނިންމަން ރައްޔިތުން ވޯޓު ދިނީ ހުރިހާ ސިޔާސީ ބޭފުޅުން ވެސް މިނިވަންކުރަން ބޭނުންވެގެން ކަމަށާއި ނުހައްގުން ޖަލަށްލީ ބައެއް ސިޔާސީ ބޭފުޅުން މިނިވަންކޮށްފައިވާއިރު ރައީސް މައުމޫން ހިފަހައްޓަންޖެހޭ ސަބަބެއް ނޯންނާނެ ކަމަށެވެ.
އަދި ރައީސް މައުމޫންގެ އުމުރުފުޅަށް އަދި ބަލި ހާލަތަށް ބެލި ކަމުގައިވިޔަސް އެންމެ ފުރަތަމަ އާއިލާއާ ގާތަށް އާދެވެން ވާނެ ބޭފުޅަކީ ރައީސް މައުމޫން ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ. އަދި މައުމޫން ޖަލުގައި ހުންނެވީ ކުށެއް ކުރައްވައިގެން ނޫން ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.
ރައީސް މައުމޫން މިނިވަންކުރަންދެން މަސައްކަތް ކުރައްވާނެ ކަމަށާއި ރައީސް މައުމޫން ހައްޔަރުކޮށްގެން ރައީސް ޔާމީނަށް ނުހުންނެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރި ފަހުން ރައީސް މައުމޫންގެ ބަންދާއި މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރިއެވެ. ނަމަވެސް ރައީސް މައުމޫންގެ ބަންދާއި މެދު ކްރިމިނަލް ކޯޓުން ގޮތެއް ނިންމި ނަމަވެސް އެމަނިކުފާނު ހުންނެވީ ޖަލު ޙުކުމެއްގައި ކަމަށް ވާތީ ބަންދުން ދޫކޮށްލެވެން ނެތުމުން އެމައްސަލައިގައި ގޮތެއް ނުނިންމަން ގާޒީ ވަނީ ނިންމަވާފައެވެ.
ރައީސް މައުމޫން ބަންދުން ދޫކޮށް ދިނުމަށް ޤާނޫނީ ވަކީލުން ވަނީ ހައިކޯޓުގައި ވެސް އެދިފައެވެ. ނަމަވެސް އެމައްސަލައިގެ އަޑުއެހުމެއް ބާއްވާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ