ހާމިދުގެ މައްސަލަ ޣައިރު ހާޟިރުގައި ނިންމާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި

ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައަކާއި ގުޅިގެން އެކޯޓުން ހޯދަމުންދާ ހެންވޭރު ދެކުނުދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރު ކޯޓަށް ހާޟިރު ނުވެއްޖެނަމަ އެމައްސަލަ ޣައިރު ހާޟިރުގައި ނިންމާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ކްރިމިނަލް ކޯޓުން މިއަދުކޮށްފައިވާ އިއުލާނެއްގައި ވަނީ ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ މައްސަލައަކާއި ގުޅިގެން ހާމިދު ހާޟިރުކުރަން ބެލިއިރު ދީފައިވާ އެޑްރެހުގައި ނޫޅުމުގެ ސަބަބުން، ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި ދަންނަވައިގެންވެސް ކޯޓަށް ހާޟިރުކުރެވިފައިނުވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން މީގެކުރިން ދެފަހަރެއްގެ މަތިން ވަނީ ހާމިދު ކޯޓަށް ހާޟިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުނެރެފައެވެ. ނަމަވެސް އޭނާ ރައްޔިތުންގެ މަޖިލީހުގައި ދިރިއުޅުއްވަމުން ގެންދަވާތީ ފުލުހުންނަށް ވަނީ ހާމިދު ކޯޓަށް ހާޟިރުކުރެވޭ ގޮތްނުވެފައެވެ.
ކްރިމިނަލް ކޯޓުން ކުރި އިއުލާންގައި ވަނީ މިމަހުގެ 31 ވަނަ ދުވަހުގެ 13:00 އަށް ހާމިދު ކޯޓަށް ހާޟިރުވުމަށް އަންގަވާފައެވެ.
''31 އޮކްޓބަރު 2013 ދުވަހުގެ 13:00 އަށް މިކޯޓަށް ހާޟިރުވުމަށް ހ.ޝޭދީކޯނަރ ހާމިދު އަބްދުލްޣަފޫރަށް އަންގަމެވެ. އަދި ދީފައިވާ ތާރީހާއި ގަޑިއަށް ހާމިދު އަބްދުކްޣަފޫރު ކޯޓަށް ހާޟިރުނުވެއްޖެނަމަ ކޯޓަށް މީހުން ހާޟިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 30 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގެ ދަށުން ހާމިދު އަބްދުލްޣަފޫރުގެ ޣައިރު ހާޟިރުގައި މަތީގައި ދެންނެވިފައިވާ މައްސަލަ ހިންގާ ނިންމޭނެކަންވެސް ހާމިދު އަބްދުލްޣަފޫރަށް އަންގަމެވެ،'' ކްރިމިނަލް ކޯޓުން ކުރި އިއުލާންގައިވެ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ހދ.ހޮނޑައިދޫގަ ބަނގުރާ ބުއިކަމުގެ ތުހުމަތުގައި ހާމިދުހައްޔަރުކޮށް ފުލުހުން ކުޑަކަމުދާތަކެތި ދޭން އެންގުމުން ނުދިން މައްސަލައިގެ ޝަރީއަތަށް ހާމިދު ހާޟިރުނުވެ މަޖިލިސްގެ ހިމާޔަތް ހޯއްދަވާފައިވާއިރު މީގެކުރިން ވަނީ ހާމިދުގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުލަތުން ހެކިވެސް ހުށަހަޅާފައެވެ. މީގެ އިތުރުން ހާމިދުގެ މައްޗަށް ދައުލަތުން ވަނީ ބަނގުރާ ގެންގުޅުމުގެ ދައުވާއަކާއި ކެނަބިހުން މުއާމަލާތުކޮށް ގެންގުޅުމުގެ ދައުވާއެއް ވެސް އުފުލައިފަ އެވެ. ނަމަވެސް އެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ