ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެއްކޮޅުގައި ތިބީ މާތްވެގެންވާ އިސްލާމް ދީނަށް ލޯބިކުރާ ބައެއް ކަމަށާއި އަނެއް ކޮޅުގައި ތިބީ ޣައިރު ދީނަށް ތާއީދުކުރާ ބައެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ނުސީދާ ގޮތެއްގައި އެމްޑީޕީއަށް ފާޑު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއިން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމް އިން ކުރަމުންދާ މަސައްކަތަކީ ހައްގަށް ނަސްރު ދިނުމަށް ކުރާ މަސައްކަތެއް ކަމަށާއި ބާތިލް އުވި ދިއުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
އަދި ހައްގާއި ބާތިލްއަކީ ދުނިޔެ ދެމިއޮތްހާ ހިނދަކު އޮންނާނެ ހަނގުރާމައެއް ކަމަށާއި އެ ހަނގުރާމައިގައި މިވަގުތު މަސައްކަތްކުރަން ޖެހެނީ މިވަގުތު ދިމާވެފައިވާ ބާތިލް މަގުން އެއްކިބާވެ ހައްގަށް ނަސްރު ދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރެއިން އެއްކޮޅުގައި މިތިބީ މާތްވެގެންވާ އިސްލާމް ދީނަށް ލޯބިކުރާ ބައެއް، އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތަށް ލޯބިކުރާ ބައެއް، އަޅުގަނޑުމެންގެ އިޖުތިމާއީ ތަރައްގީ އާއި އިގްތިސާދީ ކުރިއެރުމަށް ލޯބިކުރާ ބައެއް، ދިވެހި ރާއްޖޭގެ ރައްޔިތުންގެ ހައްގުތަކަށް ތާއީދުކުރާ ބައެއް، އަނެއްކޮޅުގައި މިތިބީ ޣައިރު ދީނަށް ތާއީދުކުރާ ބައެއް." ރައީސް މައުމޫން ވިދާޅުވި އެވެ.
"ބޭއިންސާފަށް ތާއީދުކުރާ ބައެއް، އަނިޔާވެރިކަމަށް ތާއީދުކުރާ ބައެއް، ކޮރަޕްޝަނަށް ތާއީދުކުރާ ބައެއް، އަޅުގަނޑުމެން މިތިބީ ހައްގު ގޮތުގައި އެފަރާތުގެ މީހުން އެތިބީ ބާތިލްގައި، އެހެންވީމަ މި ހަނގުރާމައަކީ ހައްގާއި ބާތިލާއި ދޭތެރޭގައި ކުރެވޭ ހަނގުރާމައަކަށް ވާތީ އަޅުގަނޑުމެން ޖެހޭ މިކަމުގައި ވަރަށް ވަރުގަދަ އަޒުމަކާއިއެކީގައި، މަސައްކަތްކުރަމުން ގެންދަން." ރައީސް މައުމޫން އިތުރަށް ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވި ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު އިންތިހާބުގައި ޕީޕީއެމްއަށް ލިބިފައިވަނީ ވަރަށް ފުރިހަމަ ކާމިޔާބީ އެކެވެ. މި ކާމިޔާބީގެ ސަބަބުން ޕީޕީއެމް ދެވަނަ ބުރަށް ގޮސްފައިވާއިރު ރައީސް މައުމޫން ވަނީ އެމްޑީޕީ ފިޔަވައި އެއް ފިކުރަކަށް ތާއީދުކުރާ ޕާޓީތަކުން ޕީޕީއެމް އާއި ގުޅިވަޑައިގަތުމަށް ގޮވާލައްވާފައެވެ.
އެތައް ހާސް ބަޔަކު ބައިވެރިވި މި ޖަލްސާގައި ރައީސް މައުމޫން ވިދާޅުވީ އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މިމަހުގެ 28 ވަނަ ދުވަހު އޮންނައިރު ދެވަނަ ބުރު ކާމިޔާބުކުރުމަށްޓަކައި ޕީޕީއެމް އާއި އެމްޑީއޭ ކޯލިޝަނާއި އިތުރު ޕާޓީތަކުގެ މެންބަރުން ގުޅިގެން ރަށް ރަށުގައި މަސައްކަތް ފަށާފައިވާ ކަމަށާއި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އެ މަސައްކަތުގައި ހުރިހާ ފަރާތްތަކުން ސާބިތުވެ ތިބުމަށް ރައީސް މައުމޫން ވަނީ އިލްތިމާސްކުރައްވާފައެވެ.
ރައީސް ނަޝީދަށް "ނޫނެކޭ" ނުބުނެ މިގައުމު ސަލާމަތްކުރެވެން ނެތް ކަމަށާއި ޕީޕީއެމްއިން ތެދުވެ މިތިބީ މިގައުމު ސަލާމަތްކުރުމަށް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
އަނެއްކޮޅުގައި ތިބީ ޣައިރު ދީނަށް ތާއީދުކުރާ ބައެއް - ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ