ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ އަންނަ މަހުގެ 30 ގައި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޕްރައިމަރީ އަންނަ މަހުގެ 30 ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމައިފި އެވެ.
އެޕާޓީން މިގޮތަށް ނިންމާފައިވަނީ ޕީޕީއެމްގެ ކައުންސިލުން މިރޭ ބޭއްވި ބައްދަލުވުމުގަ އެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 18 ފެބްރުއަރީ އިން ފެށިގެން ފެބްރުއަރީ 25 ގެ ނިޔަލަށެވެ.
މިކަމާއި ގުޅިގެން ޕީޕީއެމްގެ ތަރުޖަމާނު އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް އާއި ގުޅާލުމަށްކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.
އެހެންކަމުން މިކަމާއި ބެހޭ އިތުރު ތަފްސީލެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
މީގެކުރިން ވެސް އެމްވީޔޫތުއިން މަހްލޫފާއި ގުޅަން މަސައްކަތްކުރި ނަމަވެސް މަހްލޫފްގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ލިބިފައެއް ނުވެ އެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާންކުރައްވާފައިވަނީ މުލަކު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި ޕީޕީއެމްގެ ވަގުތީ ނައިބު ލީޑަރުކަން ކުރެއްވި އުމަރު ނަސީރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ