އަޅުގަނޑު ނިންމި ގޮތް ނުވަ ދުވަހުގެ ތެރޭގައި އާންމުކުރާނަން - މައުމޫން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ޕްރައިމަރީގައި ވާދަކުރެއްވުމާއި މެދު ނިންމަވާ ގޮތް ނުވަ ދުވަހުގެ ތެރޭގައި އިއުލާން ކުރައްވާނެ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއަށް ކައުންސިލަރުންތަކެއް ސޮއިކުރެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އެ މަނިކުފާން ކަންތައް ކުރައްވާނެ ގޮތެއް މިހާރު ނިންމަވާފައި އޮތް ނަމަވެސް އެކަން މި ވަގުތު ހާމަކުރައްވަން ބޭނުންފުޅު ނުވާ ކަމަށާއި އެކަމުގެ ވަގުތު ޖެހުމުން އެކަން އިއުލާނު ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު ވަނީ އިރާދަ ކުރެއްވިއްޔާ ކަންތައް ކުރާނެ ގޮތް ނިންމާފައި. އެކަމު އެކަން އަޅުގަނޑު އިއުލާނު ކުރާކަށެށް ބޭނުމެއް ނޫން މިތާކު. އޭގެ ވަގުތު އައީމަ އިއުލާނު ކުރާނަން، ކިހިނެއްކަން ހަދާނީ. އަދި ކޮންމެ ގޮތެއް ވިޔަސް ދެން އޮތީ ނުވަ ދުވަސް. މި ނުވަ ދުވަސް ނިމޭއިރަށް އެނގޭނެ އަޅުގަނޑު ކުރިމަތި ލީކަން ނުވަތަ ނުލާކަން." ރައީސް މައުމޫން ވިދާޅުވި އެވެ.
އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އިއްޔެ އިން ފެށިގެން މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން މިހާތަނަށް ފާޅުކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕާލަމެންޓް ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކުރީގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރު އެވެ.
މިދެބޭފުޅުންގެ އިތުރުން ގެމަނަފުށީ ދާއިރާގެ މެންބަރު އަދި އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދާއި ކުރީގެ ރައީސް މައުމޫން ސަރުކާރުގައި އެތަކެއް ވުޒާރާއެއް ހިންގެވި އިލްޔާސް އިބްރާހިމް ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވަން އުޅުއްވާކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.
ޕީޕީއެމްގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތިރީސް ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ