ޓޫރިޒަމް ދާއިރާގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް މި އަހަރު ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދަށް ލިބިއްޖެ އެވެ.
ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ދޭ އެންމެ ބޮޑު އަދި އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ދިނުމަށް ރޭ އޮޅުވެލި ރިސޯޓުގައި ބޭއްވި ހަފްލާގައި މި އެވޯޑް އޭނާއާ ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.
ސިޔާމްގެ ކުންފުނިން ހިންގާ އޮޅުވެލި ރިސޯޓުގައި ބޭއްވި ހަފްލާގައި ސިޔާމްގެ ވިޔަފާރިއާ ބެހޭ ވީޑިއޯ ޕްރޮފައިލްއެއް ދެއްކި އެވެ. އެ ގޮތުން، ގާތްގަނޑަކަށް 900 ޑޮލަރާ އެކު 1990 ގައި ޓްރެވަލް އެޖެންސީއެއްގެ ގޮތުގައި ހިދުމަތް ދޭން ފެށި ކުންފުނިން 1998 ގައި ފުރަތަމަ ރިސޯޓް ހުޅުވައި މިހާތަނަށް އައިއިރު ހޯދާފައިވާ ގިނަ ކާމިޔާބީތައް އެ ރިޕޯޓުގައި ދެއްކި އެވެ. އެ ޕްރޮފައިލްގައި ދެއްކި އިންޓަވިއުއެއްގައި ސިޔާމް ވަނީ އޭނާގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މީގެ ކުރިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންފައިވާ ފަރާތްތަކުގެ ތެރޭގައި ޔުނިވާސަލް ގްރޫޕްގެ ވެރިޔާ އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން އެމްޔޫ މަނިކާއި ވިލާ ގްރޫޕުގެ ވެރިޔާ ގާސިމް އިބްރާހިމް ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ސިޔާމްގެ ކުންފުންޏަށް އިތުރު އެވޯޑެއް ވެސް ރޭ ލިބުނެވެ. އެއީ ދިވެހި ޓުއަ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނަށް އެންމެ ބޮޑަށް އެހީތެރިވާ ފަރާތަކަށް ދޭ އެވޯޑެވެ.
ސިޔާމްގެ ކުންފުނިން ނ. އަތޮޅުގައި ހިންގާ އިރުފުށި ރިސޯޓަށް ވެސް ރޭ ވަނީ އެވޯޑެއް ލިބިފަ އެވެ. ބައިނަލްއަގުވާމީ ބްރޭންޑެއްގެ ދަށުން ހިންގަމުން އަންނަ ދެ ރިސޯޓް ކަމަށްވާ ދުސިތު ތާނީ މޯލްޑިވްސް އާއި އަނަންތާރާ ވެއްޔާ ވާދަކޮށް، އިރުފުށި ރިސޯޓުން ހޯދީ ސްޕާގެ ހިދުމަތް އެންމެ ރަނގަޅު ފެންވަރަކަށް ދޭ ރިސޯޓަކަށް ދޭ ލީޑިން ވެލްނެސް އެންޑް ސްޕާ ރިސޯޓުގެ އެވޯޑެވެ.
ސިޔާމްގެ ކުންފުނިން ރާއްޖޭގައި ތިން ރިސޯޓް އަދި ސްރީ ލަންކާގައި ރިސޯޓެއް ހިންގަ އެވެ. އަދި ރާއްޖެ އާއި ލަންކާގައި އިތުރު ރިސޯޓުތަކެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ދޭ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި މި އަހަރު 35 ކެޓަގަރީ އަށް 246 ފަރާތަކުން ކުރިމަތިލި އެވެ.
އޭގެ ތެރެއިން އެންމެ ގިނަ އެވޯޑް ގެންދިޔައީ ބަނޑޮސް އައިލެންޑް ރިސޯޓުންނެވެ. އެ ގޮތުން، އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލަން އެންމެ ރަނގަޅު ރިސޯޓަކަށް ދޭ ލީޑިން ފެމިލީ ރިސޯޓުގެ އެވޯޑާއި ޑައިވްކުރަން އެންމެ ރަނގަޅު ރިސޯޓަކަށް ދޭ ލީޑިން ޑައިވް ރިސޯޓުގެ އެވޯޑާއި ކޮންފަރެންސް ފަދަ ހަފުލާތައް ބާއްވަން އެންމެ ކަމުދާ ރިސޯޓަކަށް ދޭ ލީޑިން މީޓިން އެންޑް ކޮންފަރެންސް ރިސޯޓުގެ އެވޯޑް އަދި ރާއްޖޭގެ އެންމެ މަގުބޫލް ރިސޯޓް ބްރޭންޑަކަށް ދޭ ލީޑިން ލޯކަލް ހޮޓެލް/ރިސޯޓް ބްރޭންޑުގެ އެވޯޑް އެ ރިސޯޓުން ހޯދި އެވެ.
ދެން އެންމެ ގިނަ އެވޯޑް ހޯދީ އެންމެ ޝަރަފްވެރި އެއް އެވޯޑް ކަމަށްވާ ލީޑިން ލަގްޒަރީ ރިސޯޓުގެ އެވޯޑް ވެސް ހޯދި ކޮންރަޑް މޯލްޑިވްސް ރަންގަލި ރިސޯޓެވެ. އެ އެވޯޑުގެ އިތުރުން، އެ ރިސޯޓަށް ވަނީ ލީޑިން އެފްއެންޑީ ރިސޯޓުގެ އެވޯޑާއި ރާއްޖޭގައި އެންމެ މަގުބޫލް ބައިނަލްއަގުވާމީ ރިސޯޓް ބްރޭންޑަކަށް ދޭ ލީޑިން އިންޓަނޭޝަނަލް ހޮޓެލް އެންޑް ރިސޯޓް ބްރޭންޑުގެ އެވޯޑް ވެސް ލިބިފަ އެވެ.
ޓޫރިޒަމް ދާއިރާގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ސިޔާމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ