އުމަރު ހުށަހެޅުއްވި މައްސަލައިގައި އޭނާ ބޭނުންވި އަމުރު ކޯޓަކުން ނުނެރުނު

ޕީޕީއެމްގެ ޕްރައިމަރީ ބާތިލުކޮށް ދިނުމަށް އެދި ޕްރައިމަރީގައި ވާދަ ކުރައްވާ ނާކާމިޔާބުވެ ވަޑައިގެންނެވި އުމަރު ނަސީރު ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންނެވި ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ އުމަރުގެ ފަރާތްޕުޅު އެދި ވަޑައިގެންނެވި އަމުރު ނެރެދެވެން ނެތް ކަމަށާއި އުމަރު ބަޔާން ކުރާ ކަންކަމާއި ފަރާތްތަކާ މެދު ފިޔަވަޅު އަޅާފާނެ ކަމަށްޓަކައި ޕްރައިމަރީއާ ގުޅުން ހުރި ކަންކަން ހުއްޓާލަން އަންގަން ޖެހޭ ސަބަބެއް ވެސް ޝަރީއަތަށް ސާފު ނުވާ ކަމަށެވެ.
އުމަރު ސިވިލް ކޯޓުގައި އެދިވަޑައިގެންފައިވަނީ ޕީޕީއެމް ޕްރައިމަރީއާ ގުޅިގެން ޕާޓީ ތެރޭގައި ހިނގާ ކަންކަން ހުއްޓުވުމަށާއި ޕީޕީއެމް ޕްރައިމަރީއާ ގުޅުން ހުރި އެއްވެސް މީހަކު ޕާޓީން ވަކި ނުކުރެވޭނެ ކަން ކަނޑައަޅައި ދިނުމަށެވެ.
އުމަރު މި މައްސަލަ ހުށަހެޅުއްވީ ޕްރައިމަރީގެ ނަތީޖާ ބާތިލުކުރުމަށް އޭނާ އަށް ތާއީދުކުރާ މީހަކު ކުރިން ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމުންނެވެ.
ސިވިލް ކޯޓުގެ ހުކުމުގައި އިތުރަށް ވަނީ އުމަރާއި އޭނާއަށް ތާއީދު ކުރާ މީހުންގެ ހައްގު ގެއްލި އިއާދަ ނުކުރެވޭފަދަ ގެއްލުމެއް ލިބިދާނެ ކަމަށް އުމަރު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވި ނަމަވެސް ދައުވާ ކުރާ ފަރާތާއި ލިބޭ ފަރާތުން ޝަރީއަތަށް ހުށަހަޅާ ހެކިތަކާއި ބަޔާންތަކަށް ނަޒަރު ކުރިއިރު ޕީޕީއެމްގެ އެތެރޭގެ ހިންގުމުގެ ނިޒާމުގެ ރޭވިފައި އޮތް ގޮތުން ސުލޫކީ ކޮމެޓީގެ ނިންމުން އިސްތިއުނާފު ކޮމެޓީއަށް ހުށަހެޅުމުގެ ފުރުސަތު އޮންނަކަން އެނގޭ ކަމަށެވެ.
އަދި އެ ކޮމެޓީގެ އިސް ފަރާތަކީ ވަކި ފަރާތެއްގެ ނުފުޒުގައިވާ ފަރާތެއް ކަމަށް ބުނި ނަމަވެސް އެކަން އުމަރަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.
އެހެންކަމުން އުމަރު އެދިވަޑައިގަތް އަމުރު ނެރެދިނުމުގައި ފުރިހަމަވާން ޖެހޭ ކަމަށް ސުޕްރީމް ކޯޓުންގެ ހުކުމަކުން ފާހަގަކޮށްފައިވާ ކަންކަން ވަގުތީ އަމުރަށް އެދި އުމަރު ހުށަހަޅާފައިވާ ހުށަހެޅުމުގައި ފުރިހަމަ ނުވާތީ އުމަރު އެދުނު އަމުރު ނެދޭނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ