އިންތިހާބަކަށް ކެންޑިޑޭޓުން އެއްބަސް ނުވާ ނަމަ އިސްތިއުފާ ދޭނަން: ރައީސް ވަހީދު

އެންމެންގެ ބައިވެރިވުން އޮތް، މިނިވަން އިންސާފުވެރި ރިޔާސީ އިންތިހާބެއް ބާއްވާ ނޮވެމްބަރު 11ގައި އާ ރައީސަކު ހުވާ ކުރުމަށް ހުރިހާ ކެންޑިޑޭޓުން އެއްބަސްނުވާ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ވަހީދު ވިދާޅުވެފައި ވަނީ އެފަދަ ހާލަތުގައި ނައިބު ރައީސް ވެސް އިސްތިއުފާ ދެއްވާނެ ކަމަށެވެ.
"އަޅުގަނޑު އެބޭފުޅުންނަށް ދަންނަވާނަން އަޅުގަނޑު އިސްތިއުފާ ދޭނަމޭ، ދެން ނައިބު ރައީސް ވެސް (އިސްތިއުފާ ދެއްވާނެ) އޭރުން ޒިންމާ އެޅޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިސްތަށިފުޅުގައި،" ރައީސް ވަހީދު ވިދާޅުވި ކަމަށް ދަ ހިންދޫގައިވެ ބުނެފައިވެ އެވެ.
އެ އިންޓަވިއުގައި ރައީސް ވިދާޅުވި ކަމަށް ވަނީ ރިޔާސީ އިންތިހާބުގެ ކަންތަކުގައި އެމަނިކުފާނު ކުރިން ހުންނެވީ ފަހަތަށް ޖެހިވަޑައިގެން ކަމަށެވެ. ނަމަވެސް އިތުރަށް އިރުޝާދުދީ ރާއްޖޭގެ ޑިމޮކްރެޓިކް ޕްރޮސެސް އަށް އެހީތެރިވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށް މިހާރު އިހުސާސް ކުރެއްވޭ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ރައީސް ވަހީދު އަދި ވިދާޅުވެފައި ވަނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހާ ހަމައަށް އާ ރައީސަކު އިންތިހާބު ނުވެއްޖެ ނަމަ މަގާމުގައި ހުންނަވަން ބޭނުންވެވަޑައި ނުގަންނަވާ ކަމަށެވެ.
"ހުންނާކަށް އަޅުގަނޑަކަށް ފަސޭހައެއް ނޫން، އަޅުގަނޑު އެދޭ ގޮތަކީ އިންތިހާބުވެފައިވާ ރައީސަކު ހުންނެވުން. އެކަން ނުވެއްޖެ ނަމަ އެހެން އިންތިޒާމުތަކެއް ހަމަޖެހޭނެ،" ރައީސް ވަހީދު ވިދާޅުވި ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ