ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޖުލައި މަހު އިއުލާންކުރާނަން: އިލެކްޝަންސް

ސެޕްޓެމްބަރު މަހުގެ ތެރޭގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި މަހު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު "ހަވީރަ"ށް ވިދާޅުވީ ސެޕްޓެމްބަރު 7 ގައި އޮންނަ އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ ޖުލައި 15 އާއި 24 އާ ދެމެދުގެ ތާރީހެއްގައި ކަމަށެވެ. އަދި އިއުލާނުކުރާ ދުވަހުން ފެށިގެން ރައީސް ކަމަށް ކުރިމަތިލުމަށް 10 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް ފުއާދު ވިދާޅުވި އެވެ.
ގާނޫނުގައި ބުނަނީ އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު އިންތިހާބު ބާއްވާ ތާރީހުގެ 120 ދުވަސް ކުރިން ހުޅުވާލަންވާނެ ކަމަށެވެ. އިލެކްޝަންސް އިން ނިންމާފައި ވަނީ އިންތިހާބުގެ ދެ ވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ސެޕްޓެމްބަރު 28ގައި ބޭއްވުމަށެވެ.
"ކުރިމަތިލައްވާތާ 48 ގަޑިއިރުގެ ތެރޭގައި އަޅުގަނޑުމެން އެބޭފުޅަކަށް އަންގާނަން ޝަރުތު ހަމަވޭތޯ. އަދި ކުރިމަތިލާން ހުޅުވާލި ފުރުސަތު ނިމޭތާ 14 ދުވަހުގެ ތެރޭގައި އެކަން އާންމުކޮށް އިއުލާންކުރާނަން،" ފުއާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް މިހާރުވެސް ކުރިއަށްދާ ކަމަށާއި އިލެކްޝަންސް ކޮމިޝަން އޮތީ އިންތިހާބަކަށް ތައްޔާރަށް ކަމަށެވެ. ނަމަވެސް މާލެތެރޭގައި މިހާރު ހަލަބޮލިވެފައިވާ މަސްރަހުގެ ސަބަބުން އިލެކްޝަނަށް ހުރަހެއް އެޅިދާނެތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
"މިހާރު ކަންބޮޑުވާ ހަމައެކަނި ކަމަކީ މިހާރު ހިނގަމުން މިދާ ހަމަނުޖެހުންތައް. އެކަމުން ބޮޑަތި ހުރަސްތަކެއް އިންތިހާބަށް ކުރިމަތިވެދާނެތީ ޖެހިލުންވަނީ،" ފުއާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބަށް ފަހު ވެސް އިލެކްޝަންސް ކޮމިޝަނަށް އޮތީ ބުރަ ދުވަސްތަކެއް ކަމަށެވެ. އެއީ އޭގެ ދުވަސްކޮޅެއް ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވެސް އޮތުމުން ކަމަށް ފުއާދު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް އެކަނިވެސް 55 މިލިއަން ރުފިޔާ އާއި 60 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ބޭނުންވާނެ ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.
ރިޔާސީ އިންތިހާބަށް ބައެއް ޕާޓީތަކުން ކެންޑިޑޭޓުން މިހާރުވެސް ދަނީ ކެމްޕޭނު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ