ވަލު ދޮރޯށިން ކްރިމިނަލް ކޯޓަށް ވައްދަންޖެހޭ މީހުން ވައްދާނަން: އިސް ގާޒީ

ކްރިމިނަލް ކޯޓަށް ހާޒިރުކުރާ މީހުންގެ ތެރެއިން ވަލު ދޮރޯށިން ވައްދަންޖެހޭ މީހުން ވައްދާނެ ކަމަށާއި ވީއައިޕީގެ ޚިދުމަތް ދޭންޖެހޭ ފަރާތްތަކަށް އެ ޚިދުމަތް ވެސް ދޭނެ ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.އޭނާ އެހެން ވިދާޅުވިއިރު ބަނގުރާ އެތެރެކުރި ކަމަށް ބުނެ ދައުލަތުން ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވަލު ދޮރޯށިން ކޯޓަށް ވައްދައި، ކޯޓުގެ ވަކި ސަރަހައްދެއްގައި ބެއިންދުމުގެ އިތުރުން އެ މައްސަލަ ބެއްލެވި ގާޒީ ބަދަލުކުރި މައްސަލައިގައި ކްރިމިނަލް ކޯޓަށް ވަނީ ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފަ އެވެ.ކްރިމިނަލް ކޯޓުގެ އަހަރީ ހަފުލާގައި ވާހަކަ ދައްކަވަމުން އިސް ގާޒީ އަބްދުﷲ ވިދާޅުވީ ވަލު ދޮރޯށިން މީހުން ވައްދާ ވާހަކަ އާއި ވީއައިޕީގެ ޚިދުމަތް ދޭ ވާހަކަ ދެކެވުނަސް އެއީ ކޯޓުގެ ގާނޫނީ މަސްއޫލިއްޔަތު އަދާ ކުރުމުގެ ގޮތުން ކުރިން ވެސް ކުރަމުން އަންނަ އަދި ކުރިއަށް އޮތް ތަނުގައި ވެސް ކުރާނެ ކަންތައްތައް ކަމަށެވެ. އަދި ރޭގަނޑު ކޯޓު ހުޅުވަންޖެހޭ ނަމަ އެކަން ވެސް ކުރާނެ ކަމަށާއި މައްސަލަ ބައްލަވާ ގާޒީ ބަދަލު ކުރައްވަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ."މީހެއްގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ނުވަތަ މި ނޫން ވެސް ސަބަބަކަށްޓަކައި އަޅަންޖެހޭ ފިޔަވަޅެއްގެ ގޮތުން ވަލު ދޮރޯށިން ވައްދަންޖެހޭ މީހުން ވައްދާނީ ވަލު ދޮރޯށިން. އެފަދަ ފަރާތްތަކާ ހަވާލުވުމަށް ކޯޓުގެ މުވައްޒަފަކު ދާން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ. އެއީ ކޯޓުގެ އިދާރީ އިންތިޒާމްތަކުގެ ތެރެއިން ބަލަހައްޓަމުން ގެންދާ ކަންކަން،" އަބްދުﷲ ވިދާޅުވި އެވެ.އިސް ގާޒީ ވިދާޅުވި ގޮތުގައި ކުށުގެ ތުހުމަތުގައި ތިބޭ މީހުން ބަންދުން ދޫކުރާ ވާހަކަ ދެއްކި ނަމަވެސް އެއީ ކޯޓުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ކޯޓުން ބަލާނީ ގާނޫނު އަސާސީއަށާއި ގާނޫނުތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.އިސް ގާޒީ ވިދާޅުވީ މައްސަލަ ސާބިތުނުވުމުގެ ސަބަބުތަކުގެ ތެރޭގައި ތަހުގީގު ފުރިހަމަ ވެފައި ނެތުމާއި ދައުލަތުން ރަނގަޅަށް މައްސަލަތަކަށް ތައްޔާރުވެފައި ނުވުން ހިމެނޭ ކަމަށެވެ. އަދި ތަހުގީގީ ބަޔާންތަކާއި ޝަރީއަތުގައި ދައްކާ ވާހަކަތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރުމަކީ ވެސް މައްސަލަތައް ސާބިތު ނުވާން މެދުވެރިވާ ސަބަބުތައް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ހެކިންގެ ހެކިބަސް ދޭން ބޭނުން ނުވުމަކީ ވެސް އޭގެ ސަބަބެއް ކަމަށް އިސް ގާޒީ ވިދާޅުވި އެވެ. އަބްދުﷲ ވިދާޅުވި ގޮތުގައި ކްރިމިނަލް ކޯޓުން ތަންފީޒު ކުރަމުން އަންނަ ހައްދު ޖެހުމާއި ތައުޒީރު ކުރުމުގެ ހުކުމްތަކުގެ ތެރެއިން ގިނަ ހުކުމްތައް ތަންފީޒުކޮށްފައިވީ ނަމަވެސް 37 މީހެއްގެ ހައްދުގެ ހުކުމް ތަންފީޒު ނުކުރެވި އެބައޮތެވެ. އަދި އެކަން ނުކުރެވި ވަނީ ކަމާއި ބެހޭ ފަރާތްތަކުން ލިބެންޖެހޭ އެއްބާރުލުން ނުލިބޭތީ ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ