އަބްދުﷲ ގާޒީއަށް ބަދަލު ދިނުމާ މެދު އެއްބަސްވުމަކަށް ނާދެވި، މައްސަލަ ޝަރީއަތަށް ފޮނުވައިފި
ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ކ. ގިރިފުށީގައި ބަންދުކޮށްގެން ގެންގުޅުނު މައްސަލާގައި ގެއްލުމުގެ ބަދަލު ހޯދަން އޭނާ ދައުވާކުރެއްވި މައްސަލަ ދެ ފަރާތުން ވާހަކަ ދައްކައިގެން ހައްލު ނުވުމުން އެ މައްސަލަ ޝަރީއަތަށް ފޮނުވައިފި އެވެ.ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަބްދުﷲ ގާޒީ ހައްޔަރުކޮށް، 22 ދުވަސް ވަންދެން ގިރިފުށީގައި ބަންދުކޮށްގެން ގެންގުޅުނު މައްސަލާގައި ޑިފެންސް މިނިސްޓްރީއާ ދެކޮޅަށް އަބްދުﷲ ގާޒީ ދައުވާކުރައްވަނީ ފަސް މިލިއަން ރުފިޔާ ހޯދުމަށެވެ. ޝަރީއަތަށް ފޮނުވުމުގެ ކުރިން ދެ ފަރާތުން ސުލްހަވެރި ހައްލެއް ލިބޭތޯ ބަލަން ބާއްވާ ޑިސްޕިއުޓް ރިޒޮލިއުޝަންގެ ބައްދަލުވުމުގައި އަބްދުﷲ ގާޒީއަށާއި ދައުލަތަށް އެއްބަސްވުމަކަށް ނާދެވުމުން އިއްޔެ ވަނީ މައްސަލަ ޝަރީއަތަށް ފޮނުވަން ނިންމައިފަ އެވެ.އެހެންވެ ޝަރީއަތް ހިންގުމަށް ދެން އެ މައްސަލަ ދާނީ ސިވިލް ކޯޓުގެ ފައިސާ އާއި މުދަލުގެ ބޮޑެތި މައްސަލަތަކާ ބެހޭ ޑިވިޝަނަށެވެ. ކްރިމިނަލް ކޯޓުގެ އިސްގާޒީއަކަށް ހުންނަވަނިކޮށް މިދިޔަ މަހު ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަނީ އަބްދުﷲ ގާޒީ ފެމިލީ ކޯޓުގެ ގާޒީއަކަށް ބަދަލުކޮށްފަ އެވެ. އެހެންވެ ކްރިމިނަލް ކޯޓު މިހާރު ހިންގަވަނީ އެ ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފެވެ. ގާނޫނާއި ޚިލާފް ގޮތަކަށް ބަންދުކޮށްގެން މީހަކަށް ބަދަލެއް ދޭން ރާއްޖޭގައި މިހާތަނަށް ހުކުމެއް ކޮށްފައިވަނީ ނަޝީދުގެ ވެރިކަމުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ބަންދުކޮށްގެން ގެންގުޅުނު މައްސަލައިގަ އެވެ. ހިމާޔަތް ދޭން ކަމަށް ބުނެ 2010 ގައި ރައީސް ޔާމީން އާރަށުގައި ބަންދުކޮށްފައި ބެހެއްޓި މައްސަލާގައި ހަތަރު މިލިއަން ރުފިޔާ ހޯދަން އެމަނިކުފާނު ދައުވާ ކުރެއްވިޔަސް ކޯޓުން ނިންމީ ބަދަލުގެ ގޮތުގައި ދޭންޖެހޭނީ 224،000ރ. ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ