މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓްގައި ދެކޮޅަށް ވޯޓްދެއްވާ މެމްބަރުން އިތުރު ދައުރަކަށް އިންތިހާބުކޮށްދިނުމަށް އެހީތެރިވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
މ. ކުނޫޒުގައި އިދިކޮޅު ފަރާތްތައް ގުޅިގެން ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުންނަށް އިތުރު ދައުރަކަށް ހޮވުމަށް ގުޅިފައިވާ ސިޔާސީ ހަތަރު ޕާޓީން މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ. އެ ޕާޓީތަކަކީ ޖުމްހޫރީ ޕާޓީގެ އިތުރުން، ޕީޕީއެމް، އެމްޑީޕީ އާއި އަދާލަތު ޕާޓީ އެވެ.
"މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުން އިތުރު ދައުރަކަށް އިންތިހާބު ކޮށްދިނުމަށް މަސައްކަތް ކުރާނަން، ހުރިހާ ގޮތަކުން އެހީތެރިވެދޭނަން،" ގާސިމް ވިދާޅުވި އެވެ.
އެ ވޯޓަކީ އަދުލު އިންސާފު ގާއިމުކޮށް، ހަމަޖެހުން ގާއިމުކުރަން ދެވޭ ވޯޓެއް ކަމަށާއި ގައުމުގެ މުސްތަގުބަލަށްޓަކައި މަސީހު "ބޭރު ކުރަން" ޖެހޭ ކަމަށެވެ.
މަސީހް މަގާމުން ދުރު ކުރުމަށް މެމްބަރުން ވޯޓު ދެއްވާނީ "ހޫނު ފެނަށް އެރެން ބޭނުންވާ ނަމަ" ކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު އަދި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް ވަނީ ވިދާޅުވެފައެވެ. އެވާހަކަތަކަށް ގާސިމް ވަނީ ފާޑު ވިދާޅުވެފައެވެ.
"އަޅުގަނޑުމެން ބިރެއް ނުގަނޭ، ހޫނު ފެނަކަށް ނުލެވޭނެ، އެ ދުވަސް މާޒީވެ ގޮސްފި، އެއޮއް ދަނީ ގާދޫ ކޮލުން، (މާލެ/ހުޅުލެ) ބްރިޖުގެ ނުބެނދި އިން ތަންކޮޅުން ލާފައި ދެމިގެން ގޮސްފި ، އަނިޔާއެއް ވެސް ނުކުރެއްވޭނެ، ހިފައި ހައްޔަރެއް ވެސް ނުކުރެއްވޭނެ، އެ ގޮތަކަށް އަމުރު މައުރޫފް ހިންގައިގެން މަޖިލިސް މެމްބަރުން އަޅުވެއްޗެއް ނުކުރެވޭނެ، ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒެއް ވެސް ނުފޯރުވޭނެ،" ގާސިމް ވިދާޅުވިއެވެ.
މަސީހާ ދެކޮޅަށް ވޯޓްދޭ މެމްބަރުން އިތުރު ދައުރަކަށް ހޮވައިދޭނަން:ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ