ހުޅުމާލޭ ކޯޓުގެ ގާނޫނީ ސައްހަކަމާމެދު ސުވާލު އުފައްދާ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް އަންނަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުގައި ފެށުމަށް ތާވަލްކޮށްފި އެވެ.
ސުޕްރީމް ކޯޓުން ބަލަން ނިންމާފައި ވަނީ ހުޅުމާލޭ ކޯޓުގެ ސައްހަކަމާމެދު ސުވާލު އުފައްދައި ގާނޫނީ ވަކީލަކު ސިވިލް ކޯޓަށް ކުރިން ހުށަހަޅާފައި އޮތް މައްސަލައެކެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބަލަނީ އެ މައްސަލަ ސިވިލް ކޯޓުން ނެގުމަށްފަހު ސުޕްރީމް ކޯޓުގައި ބަލައިދިނުމަށް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގައި އެދުމުންނެވެ. އެގޮތަށް އެދުމުން ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ބަލައިގަނެ އެ މައްސަލައިގެ ފައިލް ފޮނުވުމަށް ވެސް ސިވިލް ކޯޓަށް ކުރިން އަންގައިފަ އެވެ. މީގެ އަހަރު ދުވަސް ކުރިން ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލަ ކުރިއަށް ނުގެންދެވި އޮތީ ސުޕްރީމް ކޯޓުން ވަކި ގޮތެއް އަންގަންދެން މައްސަލަ މަޑުޖައްސާލަން އެންގުމުންނެވެ.
ހުޅުމާލޭ ކޯޓުގެ މައްސަލަ ތާވަލްކޮށްފައި ވަނީ އާދިއްތަ ދުވަހުގެ މެންދުރުފަހު 00: 2 އަށެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި ދައުވާލިބެނީ އެ މައްސަލަ ސިވިލް ކޯޓަށް ކުރިން ހުށަހެޅުއްވި ގާނޫނީ ވަކީލް އިސްމާއިލް ވިޝާމަށެވެ. މައްސަލަ ބަލަން ހަމަޖައްސާފައިވަނީ އުއްތަމަ ފަނޑިޔާރާއެކު ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ދައުވާކުރާ މައްސަލައިގެ ޝަރީއަތުގައި ނަޝީދުގެ ވަކީލުން ވެސް ވަނީ ހުޅުމާލޭ ކޯޓުގެ ސައްހަކަމާމެދު ސުވާލު އުފައްދައި އިޖްރާއީ ނުކުތާތައް ނަގާފަ އެވެ. ނަމަވެސް ހުޅުމާލޭ ކޯޓުން އެ ނުކުތާތައް ބަލައެއްނުގަނެ އެވެ. އެހެންވެ އެ ނުކުތާތައް އިސްތިއުނާފް ކުރުމަށް ނަޝީދުގެ ވަކީލުން ވަނީ ހައި ކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ހައި ކޯޓުން ނިމެންދެން ނަޝީދުގެ ޝަރީއަތް ހުޅުމާލޭ ކޯޓުގައި ކުރިއަށް ނުގެންދަން ހައި ކޯޓުން ވަނީ އަމުރެއް ވެސް ނެރެފަ އެވެ.
ނަމަވެސް ހުޅުމާލޭ ކޯޓުގެ ސައްހަކަމުގެ މައްސަލަ ސުޕްރީމް ކޯޓުގައި ބަލަން ނިންމުމުން އެ މައްސަލަ ސުޕްރީމް ކޯޓުން ނިމެންދެން ހައި ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދިއުމަށް ސުޕްރީމް ކޯޓުން ވެސް ވަނީ ހައި ކޯޓަށް އަންގައިފަ އެވެ. އެހެންކަމުން ނަޝީދު ޝަރީއަތް ހުޅުމާލޭ ކޯޓުގައި ދެން ކުރިއަށް ގެންދެވޭނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ނިމުމުން ހައި ކޯޓުގައި އޮތް މައްސަލައިގެ ޝަރީއަތް ފަށާ އެ މައްސަލަ ހައި ކޯޓުން ނިމޭގޮތަކުންނެވެ.
ހުޅުމާލޭ ކޯޓުގެ ސައްހަކަމުގެ މައްސަލަ ބަލައިދިނުމަށް ޖޭއެސްސީން މިދިޔައަހަރުގެ ތެރޭގައި ވެސް ސުޕްރީމް ކޯޓުގައި ސިޓީއަކުން އެދުނެވެ. ނަމަވެސް އެބާވަތުގެ މައްސަލަތައް ހުށަހަޅަން ވަކި ފޯމެއް އޮންނާނެ ކަމަށާއި އެ ފޯމުން މައްސަލަ ހުށަހަޅަން ސުޕްރީމް ކޯޓުން އޭރު އެންގުމުން އެގޮތަށް މައްސަލަ ހުށަހެޅީ މިމަހުގެ ތެރޭގަ އެވެ.
ހުޅުމާލޭ ކޯޓުގެ ސައްހަކަން ކަނޑައެޅުމުގެ މައްސަލަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުގައި ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ