ސުޕްރީމް ކޯޓުގެ ގައިޑްލައިންތަކަށް ބަލައިގެން އިންތިހާބެއް ނުބޭއްވޭނެ ކަމަށާއި ދެން "އިންތިހާބު ބާއްވާ ނަމަ ފަސޭހައިން އިންތިހާބު ބޭއްވޭނެ ގޮތްތަކެއް ދައުލަތުން ހޯދައިދޭން ޖެހޭނެ" ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިރޭ ވިދާޅުވެއްޖެ އެވެ.
ފުއާދު "ހަވީރަ"ށް ވިދާޅުވީ އެންމެ ލަސްވެގެން ނޮވެމްބަރު 2 ގައި އިންތިހާބު ބާއްވައިދިނުމަށް ސަރުކާރުން މިއަދު އެދުނު ކަމަށާއި އެކަމަށް ކޮމިޝަނުން އަދި ގޮތެއް ނުނިންމާ ކަމަށެވެ.
އެކަން ނިންމާނީ، އެއީ ކޮމިޝަންގެ މެމްބަރުންނަށާއި މުވައްޒަފުންނަށް ކުރެވޭނެ ކަމެއްތޯ ބެލުމަށް ފަހު ކަމަށާއި އެގޮތަށް ބަލަންޖެހުނީ ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް މިއަދު އިންތިހާބު ބޭއްވުމަށްޓަކައި ވޭތުވެދިޔަ 11 ދުވަހު ކުރަންޖެހުނު މަސައްކަތް ފުލުހުން ހުއްޓުވުމުން ކަމަށް ފުއާދު ވިދާޅުވި އެވެ.
"ފިރުއައުނު ޒަމާނުގައި އަޅުން މަސައްކަތް ކުރި ގޮތަށް މި ގައުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުންގެ ހުރިހާ މުވައްޒަފުން މަސައްކަތް ކުރީ. އޭގެ ނަތީޖާ ނުފެނިގެން ދިޔައީ ފުލުހުން މަސައްކަތް ކުރި ގޮތުން،" ފުއާދު ވިދާޅުވި އެވެ.
ނޮވެމްބަރު ދޭއްގައި އިންތިހާބު ބާއްވާ ނަމަ އެކަމަށް ތައްޔާރުވާން ލިބެނީ 14 ދުވަސް ކަމަށާއި އެއީ މި ފަހަރު އިންތިހާބު ބާއްވަން ލިބުނު ދުވަހާ އަޅާބަލާއިރު މާ ގިނަ ދުވަހެއް ނޫން ކަމަށް ފުއާދު ވިދާޅުވި އެވެ.
ކޮމިޝަންގެ މައްޗަށް އެހެން ބައެއްގެ ބާރު ނުފޯރުވޭ ގޮތަށް ކަންކަން ހަމަޖައްސަންޖެހޭ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ. އަދި އިންތިހާބެއް ބޭއްވުމަށް ބަލަންޖެހޭނީ ހަމައެނި އިންތިހާބުތަކާބެހޭ ގާނޫނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް އިންތިހާބެއް ނުބޭއްވޭނެ: ފުއާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ