ވަކީލުންގެ ގަވާއިދު ތަރުޖަމާ ކުރުމުގައި ހިޔާލު ތަފާތުވުންތަކެއް އުޅެނިކޮށް ސުޕްރީމް ކޯޓުން އެކަން ހައްލު ކޮށްދީފި

ސުޕްރީމް ކޯޓުން އެކުލަވާލި "ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާ ބެހޭ ގަވާއިދު" ތަރުޖަމާ ކުރުމުގައި އެކި ކޯޓުތަކުން ތަފާތު އުސޫލުތަކެއް ގެންގުޅެނިކޮށް ސުޕްރީމް ކޯޓުން މިއަދު އެކަން ހައްލުކޮށްދީފި އެވެ.
ގަވާއިދުގެ 2.2 ވަނަ މާއްދާގައި ބުނެފައި ވަނީ އެއްވެސް ކޯޓެއްގައި ވަކާލާތު ކުރެވޭނީ ވަކާލާތު ކުރުމުގެ ހުއްދަ އޮތުމުގެ އިތުރުން، އެ ކޯޓެއްގައި ވަކާލާތު ކުރުމަށް ރަޖިސްޓްރީކޮށްފައިވާ މީހުންނަށް ކަމަށެވެ. އަދި 2.3 ވަނަ މާއްދާގައި ބުނެފައި ވަނީ އެ ގަވާއިދަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އިގްރާރެއްގައި ސޮއި ކުރަންވާނެ ކަމަށެވެ.
ގަވާއިދުގައިވާ ހުއްދަ ވަކީލުންނަށް ލިބޭނީ އިގްރާރުގައި ސޮއިކޮށް ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ. ނަމަވެސް ވަކާލާތު ކުރުމުގެ ހުއްދަ ހޯދަންޖެހޭނީ ކޮންމެ ކޯޓަކަށް ވަކިންނެވެ. އަދި އެ ހުއްދަ ދޫކުރާނީ އެ ކޯޓަކުންނެވެ.
ބައެއް ކޯޓުތަކުން މާނަ ކުރަނީ ގަވާއިދަށް އަމަލު ކުރަން ފެށުމާއެކު ރަޖިސްޓްރީވެގެން ނޫނީ އެ ކޯޓެއްގައި ވަކާލާތު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ރަޖިސްޓްރީ ކުރުމަށް 30 ދުވަހުގެ މުހުލަތެއް ގަވާއިދުގައި ދީފައިވާ ކަމަށާއި އެ މުއްދަތުގައި އެ ކޯޓެއްގައި ވަކާލާތު ކުރުމުގެ ހުއްދަ ނުހޯދި ނަމަވެސް ވަކާލާތު ކުރެވޭނެ ކަމަށް އެހެން ބައެއް ކޯޓުތަކުން ބުނެ އެވެ.
"ގަވާއިދުގައި ދީފައިވާ 30 ދުވަހުގެ މުހުލަތު ހަމަވަންދެން ވަކާލާތު ކުރެވޭނެ. އޭގެ ފަހުން ވަކާލާތު ކުރެވޭނީ ގަވާއިދުގައިވާ ގޮތުގެ މަތިން ހުއްދަ ނަގައިގެން،" ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިސަރު އަހުމަދު މުހައްމަދު މަނިކު ވިދާޅުވި އެވެ.
އެކި ކޯޓުތަކުން ގަވާއިދު މާނަކުރުމުގައި އެކި ގޮތްގޮތަށް އަމަލު ކުރަމުން ދަނިކޮށް ސުޕްރީމް ކޯޓުން ވަނީ މިއަދު އެ މައްސަލަ ހައްލުކޮށްދީ ހުރިހާ ކޯޓުތަކަށް ސިޓީއެއް ފޮނުވައިފަ އެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ މީޑިއާ ޔުނިޓުގެ ސްޕޯކްސްޕާސަން ލަތީފާ ގާސިމް ވިދާޅުވީ އެ ކޯޓެއްގައި ވަކާލާތު ކުރުމަށް 30 ދުވަހުގެ މުހުލަތެއް އޮންނާނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ނުކުރި ނަމަވެސް ވަކާލާތު ކުރެވޭނެ ކަމަށް ބަޔާންކޮށް ސުޕްރީމް ކޯޓުގެ ސިޓީގައި ބަޔާންކޮށްފައިވާ ކަމަށެވެ.
"ސުޕްރީމް ކޯޓުން މިއަދު ހުރިހާ ކޯޓުތަކަށް ވެސް ސިޓީއެއް ފޮނުއްވާފައި ވަނީ. އެއީ 30 ދުވަހުގެ މުހުލަތެއް އޮންނާނެ ކަމަށާއި އެ މުއްދަތުގައި ރަޖިސްޓްރީ ނުކުރި ނަމަވެސް ވަކާލާތު ކުރެވޭނެ ކަމަށް،" ލަތީފާ ވިދާޅުވި އެވެ.
ވަކީލުންގެ ގަވާއިދަށް އަމަލު ކުރަން ފެށުމާއެކު އެ ގަވާއިދަށް ވަކީލުން ގެންދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން ބައެއް ވަކީލުން ވިދާޅުވަނީ އެ ގަވާއިދުން ވަކީލުންގެ މިނިވަންކަމަށް ވަރަށް ބޮޑަށް ހުރަސްއަޅަ ކަމަށާއި އެފަދަ ގަވާއިދެއް ހެދުމުގެ ބާރު ވެސް ސުޕްރީމް ކޯޓަށް ލިބިގެންނުވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން އެ ގަވާއިދު ހެދުމުން، އެ ގަވާއިދުގައި މައްސަލައެއް އޮވެގެން ބާތިލް ކުރަންޖެހުނަސް ދާނެ ކޯޓެއް ނެތް ކަމަށް ބައެއް ވަކީލުން ވިދާޅުވެ އެވެ.
ގަވާއިދުގެ ހެދުމުގެ ބާރު ނެތް ކަމަށް ބައެއް ވަކީލުން ވިދާޅުވާ ނަމަވެސް ވަކީލުންނާ ބެހޭ ގަވާއިދުގައި ބުނެފައި ވަނީ އެ ގަވާއިދު އެކުލަވާލާފައި ވަނީ ސުޕްރީމް ކޯޓަށް ގާނޫނު އަސާސީގެ ހަތް ވަނަ މާއްދާ އާއި 141 ވަނަ މާއްދާ އާއި 156 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ