ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ 11 މެމްބަރެއްގެ މެމްބަރުކަމުގެ ސައްހަކަމާ މެދު ގޮތެއް ކަނޑައަޅައިދޭން އެދި ގައުމީ އިއްތިހާދުގެ ސްޕޯކްސްޕާސަން އައްބާސް އާދިލް ރިޒާ ސުޕްރީމް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
"ރައްޔިތުންގެ މަޖިލިސް ރައްޔިތުންނަށް" މި ނަމުގައި ގައުމީ ހަރަކާތުން ކުރިއަށް ގެންދާ އެއްވުންތަކުގައި ވެސް އެންމެ އިސްކޮށް އުޅުއްވާ އައްބާސް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އޭނާގެ އަމިއްލަ ނަމުގަ އެވެ.
މައްސަލަ ހުށަހެޅުއްވުމަށް ފަހު ސުޕްރީމް ކޯޓުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ އެ މައްސަލައިގައި އެދިވަޑައިގަތީ މަޖިލީހުގެ 11 މެމްބަރަކު މެމްބަރުކަމުން ވަކިކުރަން ޖެހިއްޖެތޯއާ މެދު ގޮތެއް ކަނޑައަޅައިދޭން ކަމަށެވެ.
އެ މައްސަލަ އެގޮތަށް ހުށަހެޅުއްވީ އެ 11 މެމްބަރުން ގާނޫނު އަސާސީއާ ހިލާފްވެފައިވާކަން ސާބިތުވާ ވަރަށް ހެކި ހުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން މެމްބަރުންނެއްކަން އައްބާސް ވިދާޅެއް ނުވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކަމާ ގުޅޭ މައުލޫމާތު ފަހުން އާންމު ކުރައްވާނެ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ނަމަވެސް މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނިންމިކަން ސާފެއް ނުވެ އެވެ. ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާ މެދު ގޮތެއް ނިންމަނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.
އައްބާސް އިސްކޮށް ހަރަކާތްތެރިވާ ގައުމީ ހަރަކާތުން ކޮންމެ ރެއަކު ދަނީ މަޖިލީހާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އެކަމަކު މިހާރު އެ އެއްވުންތަކަށް މާ ގިނަ ބަޔަކު ނުދެ އެވެ.
އެމްޑީޕީގެ 11 މެމްބަރެއްގެ ސައްހަކަމާ މެދު ގޮތެއް ކަނޑައަޅައިދޭން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ