ސުޕްރީމް ކޯޓުން އަޅުގަނޑާ މެދު ނިންމި ނިންމުން އިންސާފުވެރިއެއް ނޫން: ސުއޫދު

ކުރީގެ ބަންޑާރަ ނާއިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ޝަރުއީ އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެއްވޭ ގޮތަށް ސަސްޕެންޑް ކުރުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން އިންސާފުވެރި ނޫން ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުން މިއަދު ނިންމި އެ ނިންމުން އިންސާފުވެރި ނޫން ކަމަށް ސުއޫދު ގަބޫލުކުރައްވަނީ ތިން ވަކީލެއްގެ މައްޗަށް އެފަދަ ތުހުމަތެއް ކޮށްފައިވާއިރު އޭނާއާ މެދު އެޅި ފިޔަވަޅާއި އަނެއް ދެ ވަކީލުން ކަމުގައިވާ ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފާއި ހިސާން ހުސެއިނާ މެދު އެޅި ފިޔަވަޅު ފަރަގުވުމެވެ.
"އެ ބޭފުޅުން ވެސް ސަސްޕެންޑްކުރަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ނަމަވެސް އެއް ތުހުމަތެއް ކުރެވިފައިވާއިރު، އެ ބޭފުޅުންނާއި އަޅުގަނޑާ ފަރަގުކުރުމަކީ އިންސާފެއް ނޫން،" ރިޔާސީ އިންތިހާބުގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަކާލާތު ކުރެއްވި ސުއޫދު ވިދާޅުވި އެވެ.
އެ ތިން ބޭފުޅުންގެ މައްޗަށް ވެސް ތުހުމަތުކޮށްފައިވަނީ ރިޔާސީ އިންތިހާބު ބާތިލުކުރަން ޖުމްހޫރީ ޕާޓީން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުން ނިންމި ނިންމުންތަކާ ގުޅޭ ގޮތުން ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ ވާހަކަތެއް ދެއްކެވި ކަމުގެ ތުހުމަތެވެ. އެހެންވެ ޖޭޕީން ހުށަހެޅި އެ މައްސަލައިގެ ޝަރީއަތްތަކުގައި ވަކާލާތު ނުކުރެއްވޭ ގޮތަށް އެ ބޭފުޅުން ކުރިން ސަސްޕެންޑްކުރި އެވެ.
ސުއޫދު ވިދާޅުވި ގޮތުގައި އޭނާއާމެދު ތުހުމަތުކޮށްފައިވަނީ ކޯޓުގެ ހުރުމަތް ގެއްލޭ ގޮތަށް ދެ ޓްވީޓެއް ކުރެއްވި މައްސަލައިގަ އެވެ. އޭނާގެ ދެ ޓްވީޓެއް ކަމަށް ބުނެ ސުޕްރީމް ކޯޓުން ދެއްކީ ރިޔާސީ އިންތިހާބު ބާތިލުކުރަން ނިންމީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވި ޓްވީޓަކާއި ކޯޓުގެ އެ ނިންމުމުގެ ސަބަބުން "ގާނޫނު އަސާސީ ހުޅުހިފައިފި އޭ" ވިދާޅުވި ޓްވީޓެއް ކަމަށް ސުއޫދު ވިދާޅުވި އެވެ. އެއީ އޭނާ ކުރެއްވި ޓްވީޓް ކަމަށް ވިދާޅެއް ނުވެ އެވެ.
ސުއޫދަކީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ކަސްބީ އަންހެނުންތަކަކާ އެކު ޖިންސީ ގުޅުން ހިންގި ކަމަށް ތުހްމަތުކުރާ ވީޑިއޯގެ މައްސަލަ ބަލާ ޖޭއެސްސީގެ ކޮމިޓީގެ މެމްބަރެކެވެ.
ހިސާނާއި ހަސަން ލަތީފް ސަސްޕެންޑް ނުކުރެއްވި ނަމަވެސް ސުޕްރީމް ކޯޓުގެ ނިންމުމަށް އެ ދެބޭފުޅުން މިއަދު ވަނީ ފާޑު ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ