ވަގު ޑޮލަރު ގެންގުޅެގެން ކުށްވެރިނުވި މައްސަލައެއް އަލުން ބަލަން ހައި ކޯޓުން އަމުރުކޮށްފި

ވަގު ޑޮލަރުތަކެއް ގެންގުޅުނު މީހަކު ކުށްވެރިނުވާ ކަމަށް ދަށު ކޯޓުން ކުރި ހުކުމެއް ބާތިލްކޮށް އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން ހުކުމްކޮށްފި އެވެ.
ވަގު ޑޮލަރު ގެންގުޅުނު މައްސަލައެއްގައި ކުށްވެރިނުވެ ސަލާމަތްވެފައިވަނީ ހދ.ކުޅުދުއްފުށީ ރެޑްކޮރަލް ހަސަން އިބްރާހިމް އެވެ. އޭނާގެ މައްޗަށް ޖިނާއީ ކޯޓުން ކުރި ހުކުމުގައި ބުނަނީ ވަގު ޑޮލަރު ގެންގުޅުމަކީ މަނާކަމެއް ކަމަށް ބުނާ ގާނޫނީ ނައްސެއް ނެތުމުން އޭނާގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އެވެ.
ދަށު ކޯޓުގެ ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އިއްވި ހުކުމުގައި ބުނަނީ ސައްހަ ނޫން ފައިސާ ގެންގުޅުމުން، ސައްހަ ފައިސާއާ އެ ފައިސާތައް އެކުވެ ވިޔަފާރީގެ އެކި މުއާމަލާތްތަކުގައި ބޭނުންކުރެވި ސައްހަ ފައިސާތަކުގެ މައްޗަށް އޮންނަ އިތުބާރު ގެއްލި މަކަރާއި ހީލަތް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އެފަދަ ކަންކަމަކީ އިސްލާމީ ޝަރީއަތުގައި ދުރުހެލިވުމަށް އަންގަވާފައިވާ ކުރުން މަނާ ކަންތައްތައް ކަން އެނގޭ ކަމަށް އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން ގާނޫނެއްގައި ކަނޑައެޅިފައި ނެތް ނަމަވެސް އެކަމަކީ އިސްލާމީ ޝަރީއަތުގައި މަނާކަމެއް ކަމަށް ބެލެވޭ އެންމެހައި ކަންކަމަކީ ކުށެއް ކަމަށް ބެލުމަކީ ގާނޫނު އަސާސީ ލާޒިމްކުރާ ކަމެއް ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ގާނޫނުގައި ވަކި ގޮތަކަށް ކަނޑައެޅިފައި ނުވާ ނަމަ އެކަމެއް ނިންމުމުގައި އިސްލާމީ ޝަރީއަތަށް ފަނޑިޔާރު ރިއާޔަތްކުރައްވަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި އޮންނަ އޮތުން ވެސް ހައި ކޯޓުގެ ފަނޑިޔާރުން ފާހަގަކުރެއްވި އެވެ.
އެހެންކަމުން ވަގު ޑޮލަރު ގެންގުޅުމަކީ ކުށެއް ނޫން ކަމަށް ދަށު ކޯޓުން ބަލަމުން އައިގޮތަކީ ގާނޫނު އަސާސީއާ ފުށުއަރާކަމެއް ކަމަށް އެ ހުކުމުގައި ބުނެފައިވެ އެވެ.
އެހެންވެ، ހަސަން އިބްރާހިމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ދަށު ކޯޓުން ކުރި ހުކުމް ބާތިލްކޮށް، މައްސަލަ އަލުން ދަށު ކޯޓަށް ހުށަހަޅައިފި ނަމަ އެ މައްސަލަ އަލުން ބެލުމަށް ހުކުމްކުރީ ހައި ކޯޓުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ވެސް އިއްތިފާގުންނެވެ.
ހަސަން އިބްރާހިމްގެ މައްސަލަ ނޫނަސް، ވަގު ޑޮލަރު ގެންގުޅުނު ކަމަށް ބުނެ އެހެން ބައެއް މީހުންގެ މައްޗަށް އުފުލި ދައުވާތަކެއް ވެސް ސާބިތު ނުވާ ކަމަށް ދަށު ކޯޓުން ހުކުމް ކޮށްފައިވެ އެވެ.
މީހުންނަށް ބިރު ދެއްކުމަކީވެސް ކުށެއް ކަމަށް ބުނާ ގާނޫނީ ހަމައެއް ނެތް ކަމަށް ބުނެ، މީހެއްގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ދަށު ކޯޓުން ކުރިން ހުކުމެއް ވެސް ހައި ކޯޓުން ވަނީ ބާތިލްކޮށް، އެއީ ކުށެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ކަނޑައަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ