ރައްޔިތުން މަޖިލީހުގެ އިންތިހާބު އަންނަ އަހަރުގެ މާޗް 22 ގައި ބާއްވަން ނިންމައިފި

ރައްޔިތުން މަޖިލީހުގެ އިންތިހާބު އަންނަ އަހަރުގެ މާޗް މަހުގެ 22 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ. އެ ކޮމިޝަންގެ މެމްބަރު އަލީ މުހައްމަދު މަނިކު "ހަވީރަ" ށް ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ޖެނުއަރީ މަހު ފަހުކޮޅު ހުޅުވާލާނެ ކަމަށެވެ. އަދި އިންތިހާބީ ދާއިރާއަކަށް ވާދަކުރާ ދެ ކެންޑިޑޭޓެއްގެ ނަތީޖާ އެއްވަރުވެއްޖެ ނަމަ އެ ދާއިރާއެއްގެ ދެ ވަނަ ބުރު ބާއްވާނީ އޭޕްރީލް 12ގައި ކަމަށް މަނިކު ވިދާޅުވި އެވެ. އަލަށް އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 77 އިން 85 އަށް ވަނީ އިތުރުވެފަ އެވެ. އެއީ ބައެއް ދާއިރާތަކުގައި އާބާދީ އިތުރުވާތީ އެވެ. ގާނޫނު އަސާސީގެ 71 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައަޅާނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ކަމަށް ބަލައިގެން ކަމަށެވެ.މިހާރު ވެސް މަޖިލީހުގެ ތިން ގޮނޑިއެއް ވަނީ ހުސްވެފަ އެވެ. ނަމަވެސް ރައްޔިތުން މަޖިލީހުގެ އާ އިންތިހާބު ބޭއްވުމާ ދެމުން މިހާރު ހަ މަސް ދުވަސް ނެތުމުން އެ ތިން ދާއިރާގެ ބައި އިލެކްޝަން ނުބާއްވާނެ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ. ހުސްވެފައިވާ ތިން ގޮނޑިއަކީ އަލިފުށީ ދާއިރާގެ ގޮނޑިއާއި މެދުހެންވޭރު ދާއިރާގެ ގޮނޑި އަދި މުލަކު ދާއިރާގެ ގޮނޑިއެވެ. މުލަކު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބުވުމުންނެވެ. އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ އެ ދެބޭފުޅުންގެ ސާބިތު ދަރަނި ހުކުމާ އެއްގޮތަށް ނުދައްކައި އޮތުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ