މިއަދު މެންދުރުފަހު ކުރިމަތިވި ކޮޅިގަނޑެއްގައި ބޯކޮށް ވާރޭ ވެހި ބައެއް ރަށްތަކުގައި ފެން ބޮޑުވެ ގެއްލުން ތަކެއް ވެއްޖެ އެވެ. މެޓުން ބުނަނީ މި ވިއްސާރައަކީ ރާއްޖެ މަތީގައި މިއަދު މެންދުރުފަހު އުފެދުނު ބޯ ވިލާގަނޑެއްގެ ސަބަބުން ކުރަމުން އަންނަ ވިއްސާރައެއް ކަމަށެވެ.
މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދ. ކުޑަހުވަދޫގައި ވަނީ ފެން ބޮޑުވެފަ އެވެ. އެރަށު ކައުންސިލުން ބުނީ މިއަދު ހަވީރުން ފެށިގެން އެރަށަށް ވާރޭ ވެހެމުންދާ ކަމަށާއި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން ބައެއް ގޭގޭއަށް ފެން ވަދެފައިވާ ކަމަށެވެ. އަދި ރަށަކީ ބައެއް މަގުތަކުގައި ތާރު އަޅާފައި އޮންނަ ރަށެއް ކަމުން ކާނުތައް ފުރި ފެން ބޮޑުވީ ކަމަށެވެ. އަދި ބައެއް ގޭގޭގައި ވެލި ބަސްތާ ޖަހައި ފެން ނުވަންނަ ގޮތް ހެދުމުގެ މަސައްކަތް އެމްއެންޑީއެފާއި ގުޅިގެން ކުރިއަށް ގެންދާ ކަމަށް ކައުންސިލުން ބުންޏެވެ.
"ބައެއް ގޭގެއަށް ފެން ވަންނާތީ ވެލި ބަސްތާ ޖަހަމުން މި ދަނީ، ބައެއް މަގުތަކަކީ ތާރު އަޅާފައި ހުންނަ މަގުތައް ކަމުން ކާނުތައް ފުރި މަގުގައި ފެން ބޮޑު ވުމުގެ ސަބަބުން އެސަރަހައްދުގައި ހުރި ގޭގެއަށް ފެން ވަންނަނީ" ކައުންސިލުން ބުންޏެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ށ. މިލަަންދޫގައި ވެސް ވަނީ ފެން ބޮޑު ވެފައެވެ. އެރަށު ކައުންސިލުން ބުނީ 35 ގެއަކަށް ފެންވަދެފައިވާ ކަމަށާއި ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަަމަށެވެ. އަދި މީގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ.
މޫސުމާބެހޭ ގައުމީ އިދާރާ، މެޓުން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެ މަތީގައި ހުރި ކުޑަކުޑަ ވިލާގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށާއި މާދަމާއިން ފެށިގެން މޫސުން ރަނގަޅު ވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް 12 ގަޑިއިރު ތެރޭގައި ލ. އަތޮޅުން ފެށިގެން ރާއްޖޭގެ އުތުރަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށާއި މާދަމާ އުޑުމަތި ބަނަވި ނަމަވެސް މޫސުން ރަނގަޅުވާނެ ކަމަށެވެ.
"މިހާރު ކުރަމުންދާ ވިއްސާރަ އަކީ ހަމަ އެކަނި މިއަދު އަރާފައިވާ ކުޑަކުޑަ ވިލާގަނޑަކުން ކުރަމުންދާ ވިއްސާރައެއް، މާދަމާ މޫސުން ރަނގަޅުވާނެ" މެޓް އޮފީހުން ބުންޏެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ވިލާގަނޑުގައި ކަނޑު ގަދަވާނެ ކަމަށާއި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ކަނޑުދަތުރު ކުރުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.
ކުއްލިއަކަށް މޫސުން ގޯސްވެ ރަށްރަށަށް ގެއްލުން ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ