ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ލޯނު ނަގައިގެންތޯ ބަލާކަށް ރައްޔިތުން ބޭނުމެއް ނުވާނެ ކަމަށާއި ރައްޔިތުން ބޭނުންވާނީ މައްސަލަތައް ހައްލުވެފައި ހުންނަން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ގއ ކޮލަމާފުށީ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ އެ ރަށުގައި އެންމެ ދަތިވެފައި އޮތް ބަނދަރުގެ މައްސަލަ ހައްލު ކުރުމަށް ފައިސާ ހޯދި ގޮތެއް ބަލަން ރަށު ރައްޔިތުން ބޭނުންވޭ ތޯ ސުވާލު ކުރައްވައިފަ އެވެ. އަދި ވިދާޅުވީ ރައްޔިތުން ބޭނުންވާނީ ދަތިވެފައި ހުރި ކަންކަން ހައްލު ކުރަން ކަމަށާއި އެކަން ކުރަނީ ކިހިނެތް ކަމެއް ސާފު ކުރަން ރައްޔިތުން ބޭނުމެއް ނުވާނެ ކަމަށެވެ. ހަމަ އެގޮތަށް ތަރައްގީގެ މަޝްރޫއުތައް ރައީސް ޔާމީން ހިންގަވަނީ ލޯނު ނަގާތޯ ނުވަތަ ނޫންތޯ ރައްޔިތުން ބަލާކަށް ބޭނުމެއް ނުވާނެ ކަމަށާއި ރައްޔިތުން ބޭނުންވާނީ ދިމާވެފައިވާ މައްސަލަތައް ހައްލު ކުރަން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"ރައީސް ޔާމީން ކަންތައްތަކެއް ކުރަމުންދާ ކަމަށް ރައްޔިތުން އިތުބާރު ކުރޭ، އެހެންވެ ގަބޫލު ކުރޭ މިތަނުގެ ބަނދަރު ވެސް ރައީސް ޔާމީން ހަދައިދޭނެކަން، ލޯނު ނެގުން ނުވަތަ ލޯނު އަދާ ކުރުން އެ ސުވާލެއް ރައްޔިތުންނެއް ނުކުރާނެ، މި ރަށަށް އައިސް ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރީމަވާ ފަސޭހަ އެބަ އިހުސާސް ކުރެވޭ، ނަމަވެސް މި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް އަޅުގަނޑުމެން ލޯނު ނަގާނީތޯ ނުވަތަ ލޯނު ނުނަގާ ދެން ކިހިނެތްތޯ މި ފައިސާ ހޯދީ އެއީ ރައްޔިތުން އަޅުގަނޑުމެންނާ ކުރާނެ ސުވާލެއް ނޫން، ރައްޔިތުން ބޭނުންވާނީ މި ހިދުމަތް ލިބިގެން ދިޔުން،" ރައީސް ޔާމީން ވިދާޅުވި އެވެ.
އިދިކޮޅު ކެންޑިޑޭޓު މިހާރު ރަށްރަކަށް ވަޑައިގެން ރައީސް ޔާމީން ކުރައްވަމުން އަންނަ ތަރައްގީގެ މަޝްރޫއުތައް ފަދަ ވައުދުތައް ވަމުން އަންނަ ކަމަށާއި ނަމަވެސް އެއިން އެއްވެސް ކަމެއް ކުރުމަށް ފައިސާ ހޯދާނެ ގޮތެއް އެ ކެންޑިޑޭޓު ވިދާޅުނުވާ ކަމަށެވެ. ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރުގައި ބޮޑެތި ލޯނުތައް ނަގާފައިވާ އިރު އެ ލޯނުތައް ދައްކާނެ ގޮތަކާއި ލޯނު ދައްކަމުން ރަށްރަށަށް ތަރައްގީ ގެނެސްދެއްވާނެ ގޮތެއް ވެސް ވިދާޅުވެދެއްވަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"ތިން އަހަރުގެ ވެރިކަން ނިމި އޭގެ ފަހުން އައި ދެ އަހަރެއްހާ ދިވަހުގެ ވެރިކަން ނިމިގެން ދިޔަ އިރު 28.5 ބިލިއަން ރުފިޔާގެ ދަރަނި އޮތް، އެކަމަކު ރައީސް ކަމަށް އަންނަ މީހަކު އަންނަނީ އެ ޗެލެންޖު ބަލައިގަނެގެން އެކަން ހައްލު ކޮށްދޭން، އަޅުގަނޑު ވެސް ކަންބޮޑުވި އެހާ ބޮޑު ފައިސާގެ އަދަދެއް ހުރީމަ އެކަމަކު އަޅުގަނޑު ދެންނެވިން ދެ އަހަރާއި ތިން އަހަރުގެ މުއައްދަތެއްގެ ތެރޭގައި ބަޖެޓުގެ ޑެފެސިޓު ފޫބައްދާނަމޭ،" ރައިސް ޔާމީން ވިދާޅުވި އެވެ.
ލޯނު ނަގާތީ ރައްޔިތުން ކަންބޮޑުވެގެނެއް ނޫޅޭ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ